ހަބަރު

އީޔޫ ވަފުދުގެ ބޭފުޅުން ރައީސްއާ ބައްދަލުކުރައްވައިފި

ހަތަރު ވަނަ ޔޫރޮޕިއަން ޔޫނިއަން އަދި މޯލްޑިވްސް ޕޮލިސީ ޑައިލޮގްގައި ބައިވެރިވުމަށް ރާއްޖެ ވަޑައިގެންނެވި އީޔޫ ވަފުދުގެ ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަަލުކުރައްވައިފި އެވެ.

އިޔޫގެ ބޭފުޅުންނާއި ރައީސް ސޯލިހް ބައްދަލުކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ. އެބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގައި އެވެ.

އެބައްދަލުކުރެއްވުމުގައި ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ، އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކުރެވެންުހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި އެކަން ކުރެއްވުން ވަރަށް މުހިންުމު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އީޔޫގެ ގައުމުތަކާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފަ އެވެ. އަދި ރާއްޖޭގައި އީޔޫގެ ގައުމުތަކުން އިންވެސްޓް ކުރުމާއި ގުޅޭ ގޮތުންވެސް ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައި ވެއެވެ.

ބައްދަލުވުމުގައި ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުތަކަށް އީޔޫގެ އެމްބަސިޑަރުން ވަނީ ތައުރީފް ކުރައްވާފަ އެވެ. އަދި ރައްޔިތުންގެ ކަންކަން ފުއްދައިދިނުމަށް ރައީސް ސޯލިހްގެ ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބުވުމަށް އެދޭ ކަަމަށްވެސް އީޔޫގެ އެމްބަސިޑަރުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.