ހަބަރު

ލާމަރުކަޒީ ނިޒާމުގެ އިސްލާހުތަކުން އަހަރަކު 100 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ހަލީލް

ލާމަރުކަޒީ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މިހާރު ހުށަހެޅިފައިވާ ބިލް ފާސްވެއްޖެ ނަމަ ދައުލަތުގެ ބަޖެޓުން އަހަރަކު 100 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެ ބިލް ހުށަހެޅުއްވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

"މި އިސްލާހުތަކުގެ ސަބަބުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އަހަރަކު ސަލާމަތް ކުރެވިގެންދާނެ. މިއީ ފައިނޭންޝަލް އުސޫލަކުން ބަލާއިރުވެސް ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް،" ހަލީލް ވިދާޅުވި އެވެ.

އެ ބިލްގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ފަށައިފަ އެވެ. ގިނަ މެންބަރުން ވިދާޅުވީ ލޯކަލް ކައުންސިލްގެ ނިޒާމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ނަމަވެސް ބިލްގައި ހުރި ބައެއް އިސްލާހުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމުގެ މާނަ އޮޅޭ ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ. އެކަމަކު ގިނަ މެންބަރުން ވިދާޅުވީ މިހާރު މި އޮތް ލޯކަލް ކައުންސިލް ނިޒާމަކީ ރާއްޖެއަށް މާ ބޮޑު އަދި އޮޅުންބޮޅުން ބޮޑު ނިޒާމެއް ކަމަށެވެ. އަދި ކައުންސިލްތަކުން މިހާތަނަށް އަމަލުކޮށްފައިވާ ގޮތުން، ފެޑަރަލް ނިޒާމެއްގެ ސިފަ ޖެހިފައިވާ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ. އެކަން ހައްލު ކުރެވެން އަންނަނީ އިސްލާހުތަކެއް ގެނެސްކަން ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

އެ ބިލްގައިވާ ގޮތުގައި، ކައުންސިލްގެ ނައިބު ރައީސް އާއި ރައީސްގެ މުސާރަ އަދި ކައުންސިލްގައި ދެން ތިއްބަވާ ޕާޓްޓައިމް މެންބަރުންގެ މުސާރަ ކަނޑައަޅާނީ މަޖިލީހުންނެވެ. އަދި އަތޮޅު ކައުންސިލްގައި ދެން ތިއްބަވާނީ ކޮންމެ ރަށެއްގެ ކައުންސިލްގެ ރައީސް އެވެ. އަދި އެލްޖީއޭގައި ރައީސް ކަނޑައަޅުއްވާ އިދާރީ މެންބަރަކު ވެސް ހުންނަވަ އެވެ.