ދުނިޔެ

އީޔޫ އެއްބަސްވުމުގެ ވޯޓަށް އިނގިރޭސި ޕާލިމަންޓް އަލުން ތައްޔާރުވެއްޖެ

Mar 12, 2019

ލަންޑަން (މާޗް 12) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހެއްޅުއްވި އެއްބަސްވުމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި އަލުން ވޯޓު ނެގުމަށް ތައްޔާރުވެއްޖެ އެވެ.

އިޔޫއިން ވަކިވުމަށް މޭ ހުށަހެޅުއްވި އެއްބަސްވުމަށް އިނގިރޭސި ޕާލިމަންޓުގައި ފުރަތަމަ ނެގި ވޯޓު ތާރީހީ ބޮޑު ބައްޔަކުން ފެއިލްވުމާއެކު، އެކަމަނާ ވަނީ އީޔޫ އާއެކު ވަރަށް ފުޅާކޮށް މަޝްވަރާކުރައްވައިފަ އެވެ.

އަދި އިނގިރޭސި ޕާލިމަންޓު މެމްބަރުގެ ކަންބޮޑުވުންތަކަށް ގާނޫނީ ބާރުވެރިކަން މިހާރު ހޯދިފައިވާކަމަށާއި، މިއަދު ނަގާ ވޯޓުގައި މެމްބަރުންގެ ތާއީދު ލިބިވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާ ކަމުގައި މޭ ވަނީ ވިދާޅުވެފަ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

ނަމަވެސް، އީޔޫގެ އިސްވެރިންނާއެކު މަޝްވަރާކުރުމަށްފަހު، އަޔަލަންޑުގެ ބޯޑަރުގައި ގާއިމުކުރާ ކަސްޓަމްސް ޕޯސްޓް ދާއިމީ ނުވާނެގޮތަށް، ގާނޫނީ ބާރުލިބޭ ކަރުދާހެއް އެއްބަސްވުމުގެ ތެރޭގައި މިހާރު ވަނީ ހިމަނައިފަ އެވެ.

އެ އެއްބަސްވުމާއި ގުޅިގެން، މިއަދު ހެނދުނު ބޭއްވޭ ކެބިނެޓް ބައްދަލުވުމަށްފަހު، ޕާލިމަންޓުގައި ބަހުސް ކުރެވި، ވޯޓަށް އަހާނީ ހަވާރުގެ ވަގުތެއްގަ އެވެ.

"މެމްބަރުން ބޭނުންވީ އެ އެއްބަސްވުމުގައި ހުރި ކަންބޮޑުވުންތަކަށް ގާނޫނީ ރައްކާތެރިކަން، މިހާރު އެވަނީ އެކަން ވެފައި، ދެން އޮތީ އަޅުގަނޑުމެން އެންމެ އެކުގައި، ރައްޔިތުން ބޭނުންވި ގޮތަށް މިކަން ނިންމުން،" މޭ ވިދާޅުވެފައިވެ އެވެ.

މިފަހަރު އެ އެއްބަސްވުން ފާސްނުކޮށްފިނަމަ، އިތުރު ފުރުސަތެއް ނުދޭނެކަމަށް ބުނެ އީޔޫން ވަނީ އިންޒާރުދީފައި އެވެ.

މިއަދު އެއްބަސްވުން ފާސްވެއްޖެނަމަ، އެއްބަސްވުމެއް ނެތި އީޔޫން ވަކިވުމުގެ ވޯޓެއް މާދަމާ ނެގުމަށް ވަނީ ހަމަޖެހިފައި އެވެ. އެގޮތަށްވެސް މެމްބަރުންނަށް އެއްބަސްނުވެވިއްޖެނަމަ، އީޔޫން ވަކިވުން މަޑުޖައްސާލުމަށް އެދުމުގެ ވޯޓަކަށް ބުރާސްފަތި ދުވަހު އެހޭނެ އެވެ.

މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.

އޭގެ ތެރޭގައި، 21 މަހުގެ އިންތިގާލީ މަރުހަލާއެއްގެ އިތުރުން، އިނގިރޭސިވިލާތުން އީޔޫއަށް ދައްކަންޖެހޭ 35 އާއި 39 ބިލިއަން ޑޮލަރުގެ އަދަދެއް ވެސް ވަނީ ހިމަނާފަ އެވެ.