ހަބަރު

މޯލްޑިވިއަން ފްލައިޓަކަށް މައްސަލަ ޖެހި އެމެޖެންސީގައި ޖައްސައިފި

Mar 12, 2019
2

ވައި މަތީ އޮތް މޯލްޑިވިއަން ފްލައިޓެއްގެ ލޭންޑިން ގިޔަރަށް ދިމާވި މެލްފަންޝަންއަކާ ގުޅިގެން އެ ފްލައިޓް އެމެޖެންސީގައި އައްޑޫ އެއާޕޯޓަށް ޖައްސަން ޖެހިއްޖެ އެވެ.

މާލެއިން ގަމަށް ދިޔަ މޯލްޑިވިއަންގެ Q2 -118 ފްލައިޓް ގަމަށް ޖެއްސުމަށް މަސައްކަތް ކުރި ނަަމަވެސް ލޭންޑިން ގިޔަރަށް ދިމާވި މައްސަލައަކާ ގުޅިގެން ޖެއްސުން ލަސްވި އެވެ. ފްލައިޓްގެ ލޭންޑު ކުރަން ހަމަޖެހިފައި އޮތީ މެންދުރު 12:21 ގަ އެވެ. ނަމަވެސް އައްޑޫ ވައިގެ ސަރަހައްދުގައި ފްލައިޓް އެތައް އިރެއްގައި އުނދުހުމަށް ފަހު ލޭންޑު ކުރީ މެންދުރު 1:37ގަ އެވެ.

އެކަމާ ގުޅޭ ގޮތުން މޯލްޑިވިއަންގެ ޕީއާރް މެނޭޖާ މޫސާ ވަސީމް "އަވަސް"އަށް ވިދާޅުވީ ފްލައިޓު ޖެއްސުން ލަސްވީ ލޭންޑިން ގިޔަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ގަޑިއެއްހާ އިރު ވައިމަތީ އޮންނަން ޖެހުނު ކަމަށާއި ފަހުން މައްސަލަ ރަނގަޅުވުމާއެކު ފްލައިޓު ޖައްސާފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ކުރި ޓްވީޓެއް

"ލޭންޑިން ގިޔަރަށް ދިމާވީ ސީދާ ކޮން މައްސަލައެއް ކަަން އަޅުގަނޑުމެންނަށް ބުނަން އެނގޭނީ އެކަން އިތުރަށް ބެލުމަށް ފަހުގައި، ފްލައިޓު މިހާރު ވަނީ ގަމަށް ޖައްސާފައި،" މޫސަ ވިދާޅުވި އެވެ.

ފްލައިޓު ޖެއްސޭނެ ގޮތެއް ނެތިގެން އުޅުނު ގަޑީ ގަން އިންޓަނޭޝަނަލް އެއާޕޯޓު އޮތީ އެލާޓަށް ގެނެސްފަ އެވެ.