ވިޔަފާރި

މަހަކު ފަސް ގެސްޓް ހައުސް! އެނދުގެ އަދަދު 3،000 އިން މައްޗަށް!

Jul 7, 2015
1

ރާއްޖޭގައި އެވްރެޖު ގޮތެއްގައި މަހަކު 3-5 ގެސްޓް ހައުސް ހުޅުވާ ކަމަށާއ، ގެސްޓް ހައުސްގައި ހުރި އެނދުގެ އަދަދު 3،000 އަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖޭގައި 230 ގެސްޓް ހައުސް ހުޅުވާފައިވެ އެވެ. ނަމަވެސް މި އަހަރުގެ އޭޕްރީލް މަސް ނިމުނުއިރު ގެސްޓް ހައުސްގެ އަދަދު މި ވަނީ 250 އަށް އިތުރުވެފަ އެވެ. މި ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 20 ގެސްޓް ހައުސް ހުޅުވާފައިވެ އެވެ. މަހަކު އެވްރެޖު ގޮތެއްގައި ތިން ގެސްޓް ހައުސް އާއި ފަސް ގެސްޓް ހައުސްއާ ދެމެދު އަދަދަށް ގެސްޓް ހައުސް ހުޅުވާފައިވެ އެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ފެށުނުއިރު ރާއްޖޭ 230 ގެސްޓް ހައުސްގައި 3،379 އެނދު ހުރިނަމަވެސް މި އަހަރުގެ އޭޕްރީލް މަސް ނިމުނުއިރު ގެސްޓް ހައުސްތަކުގައި ހުރި އެނދުގެ އަދަދު މިވަނީ 3،695 އަށް އުފުލިގެން ގޮސްފަ އެވެ.

ރާއްޖެއަށް 2010 ވަނަ އަހަރު ގެސްޓް ހައުސް ވިޔަފާރި ތައާރަފު ވެގެން އައުމާ ގުޅިގެން މި ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. ގެސްޓް ހައުސްތަކަށް އާއްމު ގޮތެއްގައި އަންނަނީ މެދު ފަންތީގެ ގެސްޓުންނެވެ. ގެސްޓް ހައުސް ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާކޮށް ކުރަނީ ކ. މާފުށީގަ އެވެ. އެ ރަށުގައި އެވްރެޖު ގޮތެއްގައި 400 އެއްހާ ޓޫރިސްޓުން ޗުއްޓީ ހޭދަ ކުރެ އެވެ.