ހަބަރު

މޯލްޑިވް ގޭހުން ވެސް ވިހެއުމުންދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފި

މޯލްޑިވްސް ގޭސްގައި މަސައްކަތް ކުރާ އަންހެން މުއައްޒަފުންނަށް ވިހެއުމުންދޭ ޗުއްޓީ ހަމަަހަށް އިތުރުކޮށްފި އެވެ.

މޯލްޑިވްސް ގޭސް އިން ބުނީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވިހެއުމުން އަންހެން މީހާއަށް ދޭ ޗުއްޓީ ހަމަހަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ފިރިމީހާއަށް އެއްމަސް ދުވަހުގެ ޕެޓާނިޓީ ލީވް ލިބިގެންދާނެ ކަމަށެވެ.

އަންހެނުން ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެންު މުއައްޒިފުންނަށް ވިހެއުމާއި ގުޅިގެން ހަމަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު ލިބޭނެގޮތް ހަމަޖައްސައިދީފަ އެވެ. އަދި ސިވިލް ސާވިސްގައި މަސައްކަތްކުރާ ފިރިހެން މުއައްޒަފުންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވްވެސް މުސާރައާއެކު ލިބޭނެ ގޮތް ހަމަޖައްސައިދީފަ އެވެ.

އޭގެ އިތުރުން ހަމަސް ނުވާ ދަރިން ތިބިނަމަ އެކުދިންގެ އުމުރުން ހަމަސް ވަންދެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެކުދިންގެ މައިންބަފައިންނަށް އެސިޔާސަތުގެ ދަށުން ޗުއްޓީ ލިބޭނެ އެވެ.

ސަރުކާރުގައި ވާޒީފާ އަދާކުރާ މަންމައަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަހުގެ ޗުއްޓީ އަދި ބައްޕައަށް އެއް މަސް ދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް އެގޮތަށް އިއުލާންކޮށް އަމަލު ކުރަން ފެއްޓެވުމުން ބައެއް ކުންފުނިތަކުންވެސް އަންނަނީ ވިހެއުމުން ލިބޭ ޗުއްޓީ ހަމަހަށް އިތުރު ކުރުމުންނެވެ. އެގޮތުން ސްޓެލްކޯ އަދި އެމްޕީއެލް އިންވެސް ވަނީ އިތުރު ކޮށްފަ އެވެ. އަދި އެޗްއާރްސީއެމް އިންވެސް ވަނީ ހަމަހަށް ޗުއްޓީ އިތުރުކޮށްދީފަ އެވެ.