ދުނިޔެ

އީޔޫން ވަކިވުމުގެ އެއްބަސްވުން އަނެއްކާވެސް ޔޫކޭ ޕާލިމަންޓުން ފެއިލްވެއްޖެ

Mar 13, 2019

ލަންޑަން (މާޗް 13) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހެއްޅުއްވި އެއްބަސްވުމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން އަނެއްކާވެސް ފެއިލްވެއްޖެ އެވެ.

އިޔޫއިން ވަކިވުމަށް މޭ ހުށަހެޅުއްވި އެއްބަސްވުމަށް އިނގިރޭސި ޕާލިމަންޓުގައި މިދިޔަ ޖެނުއަރީ މަހު ނެގި ވޯޓު ތާރީހީ ބޮޑު ބައްޔަކުން ފެއިލްވެފައިވާއިރު، ދާދި ދެންމެއަކު ނެގި ވޯޓުގައި ވެސް އެއް އެއްބަސްވުމާ ދެކޮޅަށް 242 މެންބަރަކު ވަނީ ވޯޓް ދެއްވައިފަ އެވެ. އެންމެ ފުރަތަމަ ނެގި ވޯޓު މޭއަށް ނާކާމިޔާބުވީ 230 ވޯޓުގެ ތަފާތަކުންނެވެ.

އެއްބަސްވުމާއި ދެކޮޅަށް ހައުސް އޮފް ކޮމޮންސްގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވަނީ، ޖެނުއަރީ މަހު މޭ ހުށަހެޅުއްވި އެއްބަސްވުމަށް މާބޮޑު އިސްލާހެއް ގެނެވިފައިނުވާ ކަމަށެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

އެ ކަންބޮޑުވުންތަކާއި ގުޅިގެން، އީޔޫގެ އިސްވެރިންނާއެކު މަޝްވަރާކުރުމަށްފަހު، އަޔަލަންޑުގެ ބޯޑަރުގައި ގާއިމުކުރާ ކަސްޓަމްސް ޕޯސްޓް ދާއިމީ ނުވާނެގޮތަށް، ގާނޫނީ ބާރުލިބޭ ކަރުދާހެއް އެއްބަސްވުމުގެ ތެރޭގައި މިހާރު ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، ގިނަ މެމްބަރުން ވިދާޅުވަނީ އެކަމާއި ގުޅޭގޮތުން އީޔޫ އިން މާބޮޑު ދޫތަކެއް ދީފައިނުވާކަމަށާއި، އިތުރު ގާނޫނީ ބާރުވެރިކަމުގެ ކަރުދާސް އެކަށީގެންނުވާ ކަމަށެވެ.

މިއަދުގެ ނާކާމިޔާބީއަށްފަހު މޭ އާދެކޮޅަށް އަލުން އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާނެކަމަށް ބެލެވެ އެވެ. ޖެނުއަރީ މަހުގެ ވޯޓު ފެއިލްވުމުން ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލާގައި މޭ ވަނީ ވަރަށް ހަނިގޮތަކަށް ސަލާމަތްވެފަ އެވެ.

މިފަހަރު އެ އެއްބަސްވުން ފާސްނުކޮށްފިނަމަ، އިތުރު ފުރުސަތެއް ނުދޭނެކަމަށް ބުނެ އީޔޫން ވަނީ އިންޒާރުދީފައި އެވެ.

މިއަދުގެ ވޯޓު ނާކާމިޔާބުވުމާއެކު، އެއްބަސްވުމެއް ނެތި އީޔޫން ވަކިވުމުގެ ވޯޓެއް މާދަމާ ނެގުމަށް ވަނީ ހަމަޖެހިފައި އެވެ. އެގޮތަށްވެސް މެމްބަރުންނަށް އެއްބަސްނުވެވިއްޖެނަމަ، އީޔޫން ވަކިވުން މަޑުޖައްސާލުމަށް އެދުމުގެ ވޯޓަކަށް ބުރާސްފަތި ދުވަހު އެހޭނެ އެވެ.

މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.

އޭގެ ތެރޭގައި، 21 މަހުގެ އިންތިގާލީ މަރުހަލާއެއްގެ އިތުރުން، އިނގިރޭސިވިލާތުން އީޔޫއަށް ދައްކަންޖެހޭ 35 އާއި 39 ބިލިއަން ޑޮލަރުގެ އަދަދެއް ވެސް ވަނީ ހިމަނާފަ އެވެ.