ހޮލީވުޑް

އެލާޑިންގެ އާ ޓްރެއިލާ: ކާޓޫނު އަސްލު ކޮށްލައިފި!

ވޯލްޓް ޑިޒްނީގެ އެލާޑިން ކާޓޫނަކީ ކުޑަކުދިންގެ ތެރޭގައި އަދިވެސް މަަގުބޫލު ކާޓޫނެކެވެ. މި ކްލެސިކް ކާޓޫނުގެ ލައިވް އެކްޝަން ފިލްމެއް ގެންނަން އުޅޭ ހަބަރު ލިބުމާއެކުވެސް ގިނަ ބަޔަކު އެންމެ އިންތިޒާރު ކޮށްގެން ތިބީ ފިލްމުގެ ޓްރެއިލާ ފެންނާނެ ދުވަހަކަށެވެ. އެކި ފަހަަރުމަތިން ކުދި ކުދި ޓީޒާތައް ދެއްކުމަށްފަހު އެންމެފަހުން އޮފިޝަލް ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

އެލާޑިން އާއެކު ޕްރިންސަސް ޖޭސްމިން އަދި ޖީނީގެ މަންޒަރުތައް ޓްރެއިލާގައި ފެނެ އެވެ. އަދި ކާޓޫނުގައިވެސް ފެންނަ ލަވަތަކާއި ޖީނީގެ ޖާދުލުގެ ހަރަކާތްތައް ފުރިހަމަ އަށް ފެނިގެންދެ އެވެ. މި ފިލްމުގެ އެންމެ މަޝްހޫރު ލަވަ "އަ ހޯލް ނިއު ވޯލްޑް"ގެ ސިގްނޭޗާ މަންޒަރުތައް ކާޓޫނެކޭ ތަފާތުކަމެއް ނެތި ދައްކުވައިދީފައި ވުމުން ސޯޝަލް މީޑިއާގައި މި ޓްރެއިލާ ޝެއާ ކުރި މީހުން ބުނަމުން ދިޔައީ "ކާޓޫނުވެސް އަސްލު ކޮށްލައިފި" ކަމަށެވެ. އަދި، މި މަންޒަރުތަކުން ފިލްމަށް ވަރަށް އުއްމީދު ކުރެވޭ ކަމަށް ބުނެ އެވެ.

ޑިޒްނީގެ އެތައް ކާޓޫނެއް ލައިވް އެކްޝަން ފިލްމުތަކުގެ ގޮތުގަައި ގެނެސްދީފައިވާއިރު ސިނަމާގައި އެންމެ ހިނގާފައިވަނީ "ބިއުޓީ އެންޑް ދަ ބީސްޓް" އާއި "ދަ ޖަންގަލް ބުކް" އެވެ.

"އެލާޑިން" ކާޓޫނަށްފަހު 27 އަހަރުފަހުން ޑިޒްނީއިން ލައިވް އެކްޝަން ފިލްމު ގެނެސްދޭއިރު، އެލާޑިންގެ ރޯލުން ފެންނާނީ މުޅިން އަލަށް ފިލްމަކުން ފެނިގެންދާނެ މިސްރުގެ އެކްޓަރު މީނާ މަސްއޫދު އެވެ. އަދި ޕްރިންސަސް ޖޭޒްމިން ގެ ރޯލުގައި ނައޯމީ ސްކޮޓް އެވެ.
ޓްރެއިލާއިން އެންމެ ގިނަ ފާޑުކިޔުން އަމާޒުވި ޖީނީގެ ރޯލުން ފެނިގެންދާނީ އެކްޓަރު އަދި ރެޕާ ވިލް ސްމިތު އެވެ. އަދި ނުބައިބައި ޖަފަރގެ ރޯލުން ފެނިގެންދާނީ ތޫނިސްގެ އެކްޓަރު މަރްވާން ކެންޒަރީ އެވެ. އެކްޓަރުން ހޮވާފައިވަނީވެސް ކާޓޫނުގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށް ޑިޒްނީ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މޭ މަހުގެ 24 ގަ އެވެ.