ދުނިޔެ

މޭގެ ދެވަނަ ނާކާމިޔާބީ: ބްރެކްސިޓަށް ދެން ވާނީ ކިހިނެއް؟

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހެއްޅުއްވި އެއްބަސްވުމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން އަނެއްކާވެސް މިވަނީ ބޮޑުތަނުން ނޫނެކޭ ބުނެފަ އެވެ. މިދިޔަ ޖެނުއަރީ މަހު ނެގި ވޯޓު ނާކާމިޔާބުވުމަށްފަހު، މެމްބަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން މޭ އިސްވެ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެހެނަސް، ފުރަތަމަ ވޯޓާއި ހިލާފަށް އިތުރު މެމްބަރުންތަކެއްގެ ތާއީދު ލިބިވަޑައިގެންނެވި ނަމަވެސް، 391 މެމްބަރުންގެ ދެކޮޅު ވޯޓާއެކު މޭއަށް ވަނީ އަނެއްކާވެސް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

އެ ކަންބޮޑުވުންތަކާއި ގުޅިގެން، އީޔޫގެ އިސްވެރިންނާއެކު މަޝްވަރާކުރުމަށްފަހު، އަޔަލަންޑުގެ ބޯޑަރުގައި ގާއިމުކުރާ ކަސްޓަމްސް ޕޯސްޓް ދާއިމީ ނުވާނެގޮތަށް، ގާނޫނީ ބާރުލިބޭ ކަރުދާހެއް އެއްބަސްވުމުގެ ތެރޭގައި މިހާރު ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، ގިނަ މެމްބަރުން ވިދާޅުވަނީ އެކަމާއި ގުޅޭގޮތުން އީޔޫ އިން މާބޮޑު ދޫތަކެއް ދީފައިނުވާކަމަށާއި، އިތުރު ގާނޫނީ ބާރުވެރިކަމުގެ ކަރުދާސް އެކަށީގެންނުވާ ކަމަށެވެ.

ނަމަވެސް، މާޗް 29 ވަނަ ދުވަހު އީޔޫގެ މެމްބަރުކަމުން ޔޫކޭ ވަކިވާންޖެހޭއިރު، އެކަމާއި ގުޅޭ ހުރިހާ ކަމެއް އަނެއްކާވެސް މިވަނީ ސުވާލު މާކެއްގެ ތެރޭގައި އެވެ.

އީޔޫން ވަކިވުން ފަސްކުރުން!

އީޔޫން ވަކިވާންޖެހޭ ތާރީހު ފަސްކުރަން އެދެންޖެހުމަކީ، ޔޫކޭ ޕާލިމަންޓަށް މިހާރު ހަމައެކަނި އޮތް މަގުކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އިއްޔެގެ ވޯޓު ނާކާމިޔާބުވުމާއެކު، އެއްބަސްވުމެއް ނެތި އީޔޫން ވަކިވުމުގެ ވޯޓެއް މިއަދު ނެގުމަށް ވަނީ ހަމަޖެހިފައި އެވެ. އެގޮތަށްވެސް މެމްބަރުންނަށް އެއްބަސްނުވެވިއްޖެނަމަ، އީޔޫން ވަކިވުން މަޑުޖައްސާލުމަށް އެދުމުގެ ވޯޓަކަށް ބުރާސްފަތި ދުވަހު އެހޭނެ އެވެ.

ނަމަވެސް، ބްރެކްސިޓް ފަސްކުރުމަކީ އީޔޫގެ ހުރިހާ މެމްބަރު ގައުމުތައް ތަމްސީލުކުރާ ކައުންސިލުން ނިންމަންޖެހޭ ނިންމުމެކެވެ. ޔޫރަޕިއަން ކައުންސިލް ބައްދަލުވުމެއް އެންމެ އަވަހަށްވެސް ތާވަލު ކުރެވިފައިވަނީ މިމަހު 21 ވަނަ ދުވަހު އެވެ.

އެއްބަސްވުމެއްނެތި ވަކިވުން!

އެއްވެސް އެއްބަސްވުމެއްނެތި އީޔޫން ވަކިނުވާގޮތަށް ޔޫކޭ ޕާލިމަންޓުން ފާސްކުރުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް، މިހާތަނަށް އެކަމުގައި ޔޫކޭ ޕާލިމަންޓުގައި ހިޔާލުތަފާތުވެފައިވާއިރު، އެއްބަސްވުމެއްނެތި އޮޓޮމެޓިކުން ވަކިވެގެން ދިޔުމަކީ އީޔޫގެ ގާނޫނުތަކުގައި އޮތް ގޮތެވެ. ގޯސް އެއްބަސްވުމެއްގެ އީޔޫން ވަކިވުމަށްވުރެ، އެއްބަސްވުމެއްނެތި ވަކިވެގެން ދިޔުން ޔޫކޭއަށް މާ ފައިދާބޮޑުކަމަށް އިދިކޮޅު ބައެއް މެމްބަރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އަލުން ރައްޔިތުންގެ ވޯޓެއް ނެގުން!

އިނގިރޭސިވިލާތުގައި 23 ޖޫން 2016 ގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުނެވެ. އެއީ އިނގިރޭސިވިލާތް އީޔޫގެ ގައުމެއްގެ ގޮތުގައި އޮންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގުނު ވޯޓެކެވެ. އެ ވޯޓުގެ ނަތީޖާ 52 ޕަސަންޓާއެކު ބުރަވީ އީޔޫން ވަކިވާ ކޮޅަށެވެ. ރައްޔިތުންގެ މެދުގައި އަލުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތާއީދުކުރާކަމަށް ޔޫކޭގެ މައި އިދިކޮޅު ޕާޓީން ވަނީ ބުނެފަ އެވެ. ނަމަވެސް، ދެވަނަ ވޯޓަކަށް ދާން ޕާލިމަންޓުގެ ރުހުން ބޭނުންވާއިރު، ރައްޔިތުން ނިންމާނެ ކަންތައްތަކެއް ހިމެނުމުގައި ވެސް ވަނީ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެފަ އެވެ. މިގޮތުން، އީޔޫން ވަކިނުވާން ނިންމާނީތޯ، ނޫނީ މޭގެ އެއްބަސްވުމަށް ރައްޔިތުންގެ ވިސްނުން ހޯދާނީތޯ ނުވަތަ އެއްބަސްވުމެއްނެތި ވަކިވާނީތޯ މިއީ ހައްތަހާވެސް ޖަވާބު ނުލިބި އޮތް ސުވާލުތަކެވެ.