ލައިފްސްޓައިލް

އެމެރިކާގެ ސަފީރު މޫން ކެފޭގައި

ސައި ހޮޓާ ތަކަކީ ދިވެހިންގެ ތެރެއިން ވަކި ބަޔަކަށް ހާއްސަ ވެފައިވާ ތަނެކެވެ. އަންހެނުންނާ ދުރު މި ސައި ހޮޓާތައް ފަތަހަ ކޮށްގެން ތިބޭ މީހުންނާ އެއް މޭޒެއްގައި ނުކެވުނަސް އެ މާހައުލުން ސައެއް ބޯލުމަށް ދިވެހި އަންހެން ގްރޫޕެއް މިދިޔަ އަހަރު ހާއްސަ ކެމްޕޭނެއް ހިންގި އެވެ. އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެންވެރިން ސައި ހޮޓަލަށް ނުދެވެންވީ ކީއްވެ ކަމަށް ބުނެ މާލޭގެ ގިނަ ސައި ހޮޓާތައް އޮކިއުޕައި ކުރި އެވެ.

މި ސައި ހޮޓާތަކަކީ އާއްމު ދިވެހިން ނުވަންނަ ތަންތަނަށް ވާއިރު މެހުމާނަކަށް މިތަން އެހާ ހާއްސަ އެއް ނޫނެވެ. ދިވެހިން ދެކޭ ގޮތް ބަދަލުކޮށްލުމަށް މިދިޔަ އަހަރުވެސް ސައި ހޮޓާތައް ފަތަހަ ކުރި އަންހެންވެރިން، މިފަހަރު ސައި ހޮޓަލަށް އަތުގައި ހިފައިގެން ވެއްދީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް އެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް އާއި އޮކިއުޕައި ސައި ހޮޓާގެ އިސް އަންހެންވެރިންނާއެކު ދިވެހި ގުޅަ ބަޖިޔަލާއި ބޮޑު ކަޅު ސައި ތައްޓެއް ބުއީ މަޝްހޫރު މޫން ކެފޭގަ އެވެ. އަދި އެ މީހުންނާއެކު އެތަނުން ސައި ބޮވުނީތީ އުފާ ކުރާ ކަމަށްބުނެ ސަފީރު ވަނީ ޓްވީޓްވެސް ކޮށްފަ އެވެ. ރާއްޖޭގައި ސަފީރުގެ "ޓީ ޓައިމް" ދިޔަގޮތް މިފަހަރު ވަރަށް ތަފާތެވެ.

ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރެއް އާދައިގެ ސައި ހޮޓަލަކުން މިފަދަ ގޮތަކަށް ސައި ބުއިން ވެގެންދިޔައީ އާދައިގެ ކަމަކަށް ނޫނެވެވެ. ސަފީރަކު ގޮވައިގެން އެންމެ އަގުފަލަ ރެސްޓޯރަންޓުން ކެއުމުގެ ބަދަލުގައި އާދައިގެ ސައި ހޮޓަލަކަށް ގޮސް ކަޅެއް ދިނީ އޮކިއުޕައި ސައި ހޮޓާގެ އަންހެންވެރިންނެވެ.