ހަބަރު

ފްލައިޓަށް އިއްޔެ ދިމާވީ ޓެކްނިކަލް މައްސަަލައެއް

Mar 13, 2019

އައްޑު އަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓަށް އިއްޔެ ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށް ގައުމީ އެއާލައިން އިން ބުނެފި އެވެ.

މޯލްޑިވިއަންގެ މޯލްޑިވިއަންގެ Q2 -118 ފްލައިޓުގެ ލޭންޑިން ގިޔަރުގައި މައްސަލަ ޖެހި އައްޑު އަށް ބޯޓު ނުޖެއްސުނު މައްސަލައާ ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އިއްޔެ ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށާ، އެ މައްސަލައާ ގުޅިގެން ހައްލު ކުރަން ޖެހޭ އެންމެހާ ކަންކަން ހައްލު ކުރަމުންދާ ކަމަށެވެ. އަދި މި ފުރުސަތުގައި ހުރިހާ ފަސިންޖަރުންނާއި ކްރޫއިން ދިން އެއްބާރުލުމަށް ގައުމީ އެއާލައިން އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ގައުމީ އެއާލައިން އިން ބުނީ ގައުމީ އެއާލައިންއަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އާއި ދުނިޔޭގެ ވައިގެ ދަތުރުފަތުގެ ދާއިރާ އިކާއޯގެ އެންމެހައި މިންގަނޑުތަކާ އެއްގޮތަށް އޮޕަރޭޓް ކުރަމުން ގެންދާ އެއާލައިންއެއް ކަމަށެވެ. އަދި ސިވިލް އޭވިއޭޝަނުން ގަވައިދުން ސޭފްޓީ އޮޑިޓް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި ފަސިންޖަރުންނާއި ކްރޫއިންގެ ރައްކާތެރިކަމަކީ އެ ކުންފުނިން އެންމެ އިސްކަން ދޭ ކަންތައްތައް ކަމަށް ބުނެފައިވެ އެވެ.

މާލެއިން ގަމަށް އިއްޔެ ދިޔަ މޯލްޑިވިއަންގެ Q2 -118 ފްލައިޓް ގަމަށް ޖެއްސުމަށް މަސައްކަތް ކުރި ނަަމަވެސް ލޭންޑިން ގިޔަރަށް ދިމާވި މައްސަލައަކާ ގުޅިގެން ޖެއްސުން ލަސްވެގެން ދިޔަ އެވެ. މި ފްލައިޓްގެ ލޭންޑު ކުރަން ހަމަޖެހިފައި އޮތީ މެންދުރު 12:21 ގަ އެވެ. ނަމަވެސް އައްޑޫ ވައިގެ ސަރަހައްދުގައި ފްލައިޓް އެތައް އިރެއްގައި އުނދުހުމަށް ފަހު ލޭންޑު ކުރީ މެންދުރު 1:37ގަ އެވެ.