ދުނިޔެ

އެއްބަސްވުމެއްނެތި އީޔޫން ވަކިނުވާން ފާސްކޮށްފި

Mar 14, 2019

ލަންޑަން (މާޗް 14) - އެއްބަސްވުމެއްނެތި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިނުވުމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

އީޔޫން ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހެއްޅުއްވި އެއްބަސްވުމަށް ދެވަނަ ފަހަރަށް ނޫނެކޭ ބުނުމަށްފަހު، މާޗް 29 ގައި އީޔޫން ވަކިވާއިރު، އެއްވެސް އެއްބަސްވުމެއްނެތި ވަކިނުވުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ގަރާރު އިއްޔެ ވަނީ ފާސްވެފަ އެވެ. އެ ގަރާރު ފާސްވީ 321 މެމްބަރުންގެ ތާއީދާއެކު އެވެ. ނަމަވެސް، އެ ގަރާރު ފާސްކުރިއަސް، މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އޮޓޮމެޓިކުން ޔޫކޭ އީޔޫގެ މެމްބަރުކަމުން ވަކިވާނެ އެވެ.

އެކަން ހުއްޓުވުމަށް، އީޔޫން ވަކިވާ ތާރީހު އިތުރުކޮށްދިނުމަށް އެދުމުގެ ވޯޓެއް މިއަދު ނެގޭނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

"އަހަރެމެންގެ ކުރިމަތީގައި އޭރުވެސް އޮތް މަގު މިހާރުވެސް އޮތީ،" އެއްބަސްވުމެއްނެތި އީޔޫން ވަކިނުވެވޭނެ ހަމައެކަނި ގޮތަކީ، ކޮންމެވެސް އެއްބަސްވުމަކަށް އާދެވިގެންކަން ފާހަގަކުރައްވަމުން މޭ ވިދާޅުވެފައިވެ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

އެ ކަންބޮޑުވުންތަކާއި ގުޅިގެން، އީޔޫގެ އިސްވެރިންނާއެކު މަޝްވަރާކުރުމަށްފަހު، އަޔަލަންޑުގެ ބޯޑަރުގައި ގާއިމުކުރާ ކަސްޓަމްސް ޕޯސްޓް ދާއިމީ ނުވާނެގޮތަށް، ގާނޫނީ ބާރުލިބޭ ކަރުދާހެއް އެއްބަސްވުމުގެ ތެރޭގައި މިހާރު ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، ގިނަ މެމްބަރުން ވިދާޅުވަނީ އެކަމާއި ގުޅޭގޮތުން އީޔޫ އިން މާބޮޑު ދޫތަކެއް ދީފައިނުވާކަމަށާއި، އިތުރު ގާނޫނީ ބާރުވެރިކަމުގެ ކަރުދާސް އެކަށީގެންނުވާ ކަމަށެވެ.

ބްރެކްސިޓް ފަސްކުރުމަކީ އީޔޫގެ ހުރިހާ މެމްބަރު ގައުމުތައް ތަމްސީލުކުރާ ކައުންސިލުން ނިންމަންޖެހޭ ނިންމުމެކެވެ. ޔޫރަޕިއަން ކައުންސިލް ބައްދަލުވުމެއް އެންމެ އަވަހަށްވެސް ތާވަލު ކުރެވިފައިވަނީ މިމަހު 21 ވަނަ ދުވަހު އެވެ. ނަމަވެސް، ޔޫރަޕިއަން ޕާލިމަންޓް އިންތިހާބާއި ހަމައަށް އީޔޫން ވަކިނުވެ، އިނގިރޭސިވިލާތް ދެމިއޮވެއްޖެނަމަ، އެ އިންތިހާބުގައި ބައިވެރިވާންޖެހޭނެކަމަށް އީޔޫން ވަނީ ބުނެފަ އެވެ.