މެސީ

ރޮނާލްޑޯ ދެއްކި ކުޅުމަށް މެސީ ތައުރީފް ބަންޑުންކޮށްލައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް، ދެ ވަނަ ލެގްގައި ރޮނާލްޑޯ ދެއްކި ކުޅުމަށް ތައުރީފް ހައްގު ކަމަށް، ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ފުރަތަމަ ލެގް މެޗުގައި، އެތުލެޓިކޯ މެޑްރިޑުން 2-0 ން މޮޅުވެފައި ވަނިކޮށް، ޔުވެންޓަސްއިން ކްއާޓާ ފައިނަލަށް ދަތުރު ކުރީ ދެވަނަ ލެގް މެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ހެޓްރިކާ އެކު، 3-2 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ރޭ އޮލިމްޕިކް ލިޔޮނޭއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން، ރޮނާލްޑޯ އާއި ވާދަވެރި ކުޅުންތެރިޔާގެ ގޮތުގައި މީޑިއާއިން ފާހަގަ ކުރަމުން އަންނަ މެސީ، ބުނީ ހެޓްރިކާއެކު ރޮނާލްޑޯ އަންގާރަ ދުވަހުގެ ރޭ ދެއްކީ "ޖާދޫއެއް ފަދަ" ކުޅުމެއް ކަމަށެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޔުވެންޓަސް ދެއްކި ކުޅުމަށް ތައުރީފް ހައްގު،" ރޭ ގެ މެޗަށް ފަހު ވާހަކަ ދައްކަމުން، މެސީ ބުންޏެވެ. "އަހަރެން ހީކުރީ އެ މެޗުގައި އެތުލެޓިކޯގެ ފަރާތުން އުނދަގޫ ކުޅުމެއް ފެންނާނެ ކަމަށް، ތިން ގޯލް ޖަހައި ރޮނާލްޑޯ ދެއްކީ ޖާދޫއެއް."

ލިއޯންއާ ދެކޮޅަށް މެސީ ވަނީ ދެ ލަނޑު ޖަހައި، އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. ޗެމްޕިއަންސް ލީގްގައި ޔުވެންޓަސް އާއި ބާސެލޯނާ ވާދަ ކުރަން ޖެހިދާނެ އެވެ. އެހެން ނަމަވެސް މެސީ ބުނީ ވަކި ޓީމާ ޖެހިދާނެތީ ނުވިސްނާ ކަމަށެވެ. އަދި އެއަށްވުރެ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލު ވާދަވެރި ކަމަށް މެސީ ބުންޏެވެ.

ކްއާޓާ ފައިނަލުގައި އޮތީ، ކޮންމެ ގައުމެއްގެވެސް އެންމެ ވަރުގަދަ ޓީމުތަކެވެ. ރެއާލް މެޑްރިޑާ ދެކޮޅަށް އަޔެކްސްގެ ޒުވާން ޓީމު ދެއްކި ކުޅުމަށް މެސީ ވަނީ ތައުރީފް ކޮށްފަ އެވެ.