ހަބަރު

އެންމެ ގިނަ ފިންގަ ޕްރިންޓް ހަމަ ކުރަން ޖެހެނީ އެމްޑީޕީއަަށް

Jul 7, 2015

ޕާޓީތަކުގައި ތިބި މެންބަރުންގެ ތެރެއިން އެންމެ ގިނައިން އިނގިލީގެ ނިޝާން ހަމަކުރަން ޖެހެނީ އެންމެ މެންބަރުން ގިނަ އެމްޑީޕީ އިން ކަން ހާމަވެއްޖެ އެވެ.

އަންނަ އަހަރު ފެށުމުގެ ކުރިން ޕާޓީތަކުގައި ތިބި މެންބަރުންގެ ތެރެއިން އިނގިލީގެ ނިޝާން ފުރިހަމަ ނުކޮށް ތިބި މެންބަރުންގެ އިނގިލީގެ ނިޝާން ހަމަ ކުރަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެ ޕާޓީތަކުގެ ތެރެއިން އިނގިލީގެ ނިޝާން ހަމަ ނުކޮށް ތިބި ޕާޓީތަކަށް އެކަން މިހާރު ވަނީ އިއްޔެ އަންގައިފަ އެވެ.

ޕީޕީއެމް އާއި އެމްޑީއޭ ފިޔަވައި އެހެން ހުރިހާ ޕާޓީއަކުން ފިންގަޕްރިންޓް ހަމަ ކުރަން ޖެހެ އެވެ.

އިލެކްޝަންސް އިން އެމްޑީޕީއަށް އަންގާފައިވާ ގޮތުގައި އެމްޑީޕީ އިން 23058 މެންބަރުންގެ ފިންގަޕްރިންޓް ހަމަ ކުރަން ޖެހެ އެވެ. އެއީ އެ ޕާޓިގެ ދަފްތަރުގައި ތިބި 46608 މެންބަރުންގެ 50 ޕަސެންޓެވެ. ދެން އެންމެ ގިނަ ފިންގަޕްރިންޓް ހަމަ ކުރަން ޖެހެނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ންނެވެ. އެ ޕާޓީ އިން އެކަމުގައި 10421 މެންބަރުންގެ ފިންގަޕްރިންޓް ހޯދަން ޖެހެ އެވެ. ޖުމްހޫރީ ޕާޓީ އިން 2764 މެންބަރުންގެ ފިންގަ ޕްރިންޓް ހަމަ ކުރަން ޖެހެ އެވެ. އެއްގޮތަކަށް ވެސް އެކްޓިވް ނޫން ޕާޓީތަކުން އެވްރެޖްކޮށް 1000 އާއި 900 އާ ދެމެދުގެ އަދަދެއްގެ މެންބަރުންގެ ފިންގަޕްރިންޓް ހަމަ ކުރަންޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އަހުމަދު އަކުރަމް ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭ އިން ފިންގަޕްރިންޓް ހަމަ ކުރަން ނުޖެހެނީ، އެ ޕާޓީތަކުން މެންބަޝިޕް ފޯމް ހުށަހެޅި އިރު ފިންގަޕްރިންޓް ޖަހާފައި ވާތީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ހަމަޖެއްސީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެގޮތަށް ޝަރުތުކޮށްފައި އޮތުމުންނެވެ. އަންނަ އަހަރުގެ ކުރިން ފިންގަޕްރިންޓް ނެތް މެންބަރުން ޕާޓީތަކުގެ މެންބަޝިޕް ދަފުތަރުން އުނިކުރަން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީ އިން ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ އެ ނިންމުމަކީ އެ ޕާޓީގެ މެންބަޝިޕް މަދުކުރަން ސިޔާސީ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.