ވިޔަފާރި

މީހުން ދިރިއުޅޭ ރަށްރަށުގައި އާއްމުންގެ ތެރޭގައި ބިކިނީގައި ނޫޅެވޭނެ

15

މީހުން ދިރިއުޅޭ ރަށްރަށުގައި އާއްމުންގެ ތެރޭގައި ބިކިނީގައި ޓޫރިސްޓުން އުޅެން ފުރުސަތު ދޭ ގެސްޓްހައުސްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ ބައެއް ގެސްޓްހައުސްތަކުން މޫދާ ގުޅުންހުރި މައުލޫމާތު ރާއްޖެ އަންނަ ޓޫރިސްޓުންނަށް ނުދޭ ކަމަށާ، އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އިތުރަށް ވިދާޅުވީ މިހާތަނަށް ގަވާއިދުތައް ސްޓްރިކްޓްކޮށް ބަލަހައްޓާފައި ނުވާކަމަށާ، ނަމަވެސް ބިކިނީގައި އާއްމުންގެ ތެރޭގައި އުޅުން ފަދަ ކަންކަމުގެ ޝަކުވާތައް އާއްމުންގެ ފަރާތުން މިނިސްޓްރީ އަށް ހުށަހަޅަމުން ގެންދިއުމަށް އެދޭ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ދެވަނަ ފުރުސަތެއް ދިނުމުގެ ވިސްނުން މިނިސްޓްރީން މިހާރު ނުގެންގުޅޭ ކަމަށް އަލީ ވިދާޅުވި އެވެ.

"ބިކިނީ ލައިގެން މީހުން ދިރިއުޅޭ ރަށްރަށުގައި އުޅެވޭ ގޮތަކަށް ނޫން ގަވާއިދުތައް ހުރީކީ. ގަވާއިދާއި ގާނޫނުތަކުގައި ވަރަށް ސާފުކޮށް އެބަހުރި ހެދުން އެޅުމުގެ ގަވާއިދުތަކުގެ ބުނެދީފަ. އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން ދެކެން ބޭނުންނުވާ މަންޒަރުތައް ފެންނާތީ،" އަލީ ވިދާޅުވި އެވެ.

"މި ރަށްރަށުގައި ކުޑަކުދިން ވެސް އުޅޭ. އަޅުގަނޑުމެންގެ ސަގާތަކާއި އިސްލާމީ އާދަކާދަ މިކްސްވާކަށް ނުޖެހޭ. އެގޮތަށް މިހާރު ވެސް ގާނޫނާއި ގަވާއިދުތައް މި ހުންނަނީ. މި އުޅެނީ ގާނޫނާއި ގަވާއިދުގެ މައްސަލައެއް ނޫން. މި އުޅެނީ މީހުންގެ ވިސްނުމުގެ މައްސަލައެއް. ނަމަވެސް ދެން އަޅުގަނޑުމެން ޓޮލަރޭޓެއް ނުކުރާނަން، އެންމެން ވެސް ތިބެން ޖެހޭނީ ގާނޫނާއި ގަވާއިދުގެ ތެރޭގައި. އެހެންނޫނީ ވާގޮތަކީ މަދު ބަޔަކު ކުރާ ކަމަކުން މުޅި އިންޑަސްޓްރީގެ އަގު ވެއްޓެނީ."

ރާއްޖޭގައި ރަށު ޓޫރިޒަމް ތައާރަފުވުމާއެކު އަންނަ ބައެއް ޓޫރިސްޓުން ބިކިނީގައި އާއްމުންގެ ތެރޭގައި އުޅުމުގެ ޝަކުވާތައް ގިނައިން ކުރެ އެވެ. މީގެ މައިގަނޑު ސަބަބަކީ ގިނަ ގެސްޓްހައުސްތަކުން ޓޫރިސްޓުންނަށް އެކަމުގެ މައުލޫމާތު ނުދިނުމެވެ.