ހަބަރު

އިންޑިއާ ސިފައިންނާ ދެކޮޅު ހަރަކާތް ކުރިއަށް ނުގެންދެވުނު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލަން ބާއްވަން އުޅުނު ހަރަކާތް ކުރިއަށް ނުގެންދެވި ހުއްޓާލައިފި އެވެ.

އިންޑިއާއިން ރާއްޖެއިން ހަދިޔާކުރި ދެ ހެލިކަޕްޓަރާއެކު ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބޭތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އުމަރު ނަސީރު ވަނީ އިންޑިއާ ސިފައިންނާ ދެކޮޅަށް އަޑު އުފުލުމަށް ބޮޑު ހަރަކާތެއް ބޭއްވުމަށް ރާވާފަ އެވެ. އެކަމަށް ފުރަތަމަ ދަރުބާރުގޭގައި ޖަލްސާއެއް ބާއްވަން މަސައްކަތް ކުރެއްވި އެވެ. އެކަމަކު ދަރުބާރުގެ އޭރު ނުލިބުނެވެ.

އޭގެފަހުން ޕީޕީއެމްގެ ތެރެއިން އުފެއްދި ޕީއެންސީއިން ވަނީ އާޓިފިޝަލް ބީޗް ސަރަހައްދު ހޯދުމަށް ސިޓީ ކައުންސިލްގައި އެދިފަ އެވެ. އެ ހުއްދަ ސިޓީ ކައުންސިލުން ޕީއެންސީއަށް ދިނެވެ. އެ ހުއްދައާއެކު މިރޭ ޕީއެންސީއިން އާޓިފިޝަލް ބީޗް ސަރަހައްދުގައި އެއްވުމެއް ބޭއްވި އެވެ.

އެ އެއްވުމަށް އުމަރު ނަސީރު ވެސް ވަޑައިގެންނެވި އެވެ. އެއްވުން ފެށުމުގެ ކުރިން އެ އެއްވުމުގައި ވާހަކަ ދައްކަވާ ހުރިހާ ބޭފުޅުންނަކީ ވެސް ޕީއެންސީގެ ފަރާތުން ވާހަކަ ދައްކަވާ ބޭފުޅުންކަން އިއުލާން ކުރެއްވި އެވެ.

އެއްވުމުގައި އެންމެ ފުރަތަމަ ބޭފުޅެއްގެ ގޮތުގައި ވާހަކަ ދެއްކެވީ ލަޔާލް މަނިކެވެ. އޭނާ ވާހަކަ ދައްކަވަނިކޮށް ފުލުހުންގެ އެންގުމެއް ޕީއެންސީއަށް ލިބުނެވެ. އެ އެންގުމަކީ ސިޓީ ކައުންސިލުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން އައި އެންގުމެކެވެ.

ސިޓީ ކައުންސިލުން ފުލުހަށް ޝަކުވާ ހުށަހެޅީ ޕީއެންސީއަށް ހުއްދަ ދިން މަގުސަދާ ހިލާފު ހަރަކާތެއް އެ ސަރަހައްދުގައި ކުރިއަށް ގެންދާތީ އެވެ. އެހެންވެ، ފުލުހުން ވަނީ އެ ހަރަކާތް ވަގުތުން ހުއްޓާލުމަށް ޕީއެންސީއަށް އަންގާފަ އެވެ.

ފުލުހުންގެ އެންގުމަށް ކިޔަމަންވާނެ ކަމަށް ބުނެ ޕީއެންސީއިން ވަނީ އެއްވުން ވަގުތުން ހުއްޓާލާފަ އެވެ. އަދި ފަހުން އެ ހަރަކާތް ކުރިއަށް ގެންދާނެކަން ވެސް އިއުލާން ކުރި އެވެ. މިރޭގެ އެއްވުމުގައި އުމަރު ނަސީރު ފިޔަވައި އެހެން އިސް ބޭފުޅެއް ބައިވެރިވެވަޑައިނުގަންނަވަ އެވެ.