ހަބަރު

ޖަމީލް ބަޣާވާތް ކުރަން އުޅުނުކަން ހެއްކާ އެކު، ރައީސް ޕީޖީ ގްރޫޕަށް ކަށަވަރުކޮށްދީފި

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބަޣާވާތް ކުރަން އުޅުނު ކަން ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕަށް ހެއްކާއި އެކު ޔަގީންކޮށްދެއްވައިފި ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ. 

އޭނާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމީލްގެ ވައިބާ މެސެޖްތަކެއް ރައީސް އަބްދުﷲ ޔާމީން ޕީޖީ ގްރޫޕަށް މިއަދު ހާމަ ކުރައްވާފައިވާ ކަމަށެވެ. އަދި އެ މެސެޖްތަކުން ނައިބު ރައީސް ޖަމީލް ބަޣާވާތް ކުރަން އުޅުނުކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އެ މައްސަލައިގައި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕުން ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖލީހަށް ވެއްދީ، ޒިންމާ އަދާނުކުރުމާއި ވެރިކަމަށް އައުމަށް އިދިކޮޅު ފަރާތްތަކާ އެކު ރޭވުންތަކެއް ރޭވި ކަމުގެ ތުހުމަތުގަ އާއި ސަރުކާރު ދިފާއު ކުރުމަށް ނައިބު ރައީސް މަސައްކަތް ނުކުރައްވާ މައްސަލައިގަ އެވެ.

މަޖިލީހުގެ 61 މެންބަރުންގެ ސޮޔާ އެކު އެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ވައްދައިފަ އެވެ. އެ މައްސަލައިގައި ނޯޓިސް ނައިބު ރައީސްއަށް ދީފައިވާ އިރު، މި މަހުގެ 13 ކުރިން ނައިބު ރައީސް އެ މައްސަލައިގައި ޖަވާބުދާރީ ވާންޖެހި ވަޑައިގަންނަވަ އެވެ.

އެ މައްސަލަ ހިލިގަތުމާ އެކު ނައިބު ރައީސް ވަނީ ޕްރޮޓޮކޯލްތަކުގެ ބޭރުން އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. އެތަނުގައި ހުންނަވައި އެ މައްސަލައިގައި ނައިބު ރައީސް ނެރުއްވި ސްޓޭޓްމަންޓްގައި ވިދާޅުވީ އެ މައްސަލައިގައި ހުއްޖަތެއް ނެތް ކަމަށާއި އެއީ ޒާތީ މައްސަލައެއް ކަމަށެވެ. އަދި އެއީ ދުސްތޫރީ ބަޣާވާތެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ގައުމުތަކުން އެކަމުގެ ތެރެއަށް ވަނުމަށް ނައިބު ވަނީ ގޮވާލައްވައިފަ އެވެ.

ސަރުކާރުން މެންބަރުން ވިދާޅުވެފައި ވަނީ ޖުލައި 26 ކުރިން ނައިބު ރައީސް މަގާމުން ދުރު ކުރުމަށް ފަހު، ރައީސް އެންމެ އިތުބާރު ކުރައްވައި ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު އެ މަގާމަށް އައްޔަން ކުރާނެ ކަމަށެވެ.