ޓޫރިޒަމް

ޓޫރިސްޓު އެނދުގެ އަދަދު 45،000 އަށްވުރެ މައްޗަށް

Mar 17, 2019
1

ރާއްޖޭގައި ޓޫރިސްޓުނަށް ހިދުމަތް ދޭ ހުރި އެނދުގެ އަަދަދު 45،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް 45،642 އެނދު ރާއްޖޭގައި މިހާރު އެބަހުއްޓެވެ. މީގެ ތެރެއިން 70 ޕަސެންޓް ހާއްސަ ވެފައި ވަނީ ރިސޯޓުތަކަށެވެ.

ރަޖިސްޓްރީ ކޮށްގެން ރިސޯޓު ހިންގާ 147 ރަށެއްގައި 32,207 އެނދު އެބަހުއްޓެވެ. އަދި އޮޕަރޭޝަންގައި ހުރި ގެންދަނީ 137 ރަށުގައި 30,874 އެނދެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ޖުމްލަ 531 ގެސްޓްހައުސްގައި 8,733 އެނދު އެބަހުއްޓެވެ. މީގެތެރެއިން 526 ތަނެއް ހިންގަމުންދާއިރު މި ތަންތަނުގައި ޖުމްލަ 8,648 އެނދު އެބަހުއްޓެވެ. އަދި 151 ސަފާރީގައި 2,840 އެނދު އެބަހުއްޓެވެ. އަދި މިހާރު ރާއްޖޭގައި ހުރީ ޖުމްލަ 12 ހޮޓަލެވެ. މި ހޮޓާތަކުގައި 1,862 އެނދު އެބަހުއްޓެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 133 ރިސޯޓެއް އަންނަނީ ތަރައްގީ ކުރަމުންނެވެ. އަދި ހޮޓަލާއި ގެސްޓްހައުސްގެ ގޮތުގައި 17 ތަނެއް ތަރައްގީ ކުރަމުންދެ އެވެ. މިގޮތުން މާލެ އަތޮޅުގައި 45 ރިސޯޓެއް ހަދަމުންދެ އެވެ. މީގެތެރޭގައި 33 ފަޅެއް ވެސް ހިމެނެ އެވެ.