ހަބަރު

އާސަހަރާ ފުރި، އަނެއްކާވެސް ފަސް އަޅަނީ

މާލޭ ސިޓީގެ މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ވަޅުލަމުން ގެންދާ އާ ސަހަރާ ފުރި، އަނެއްކާ ވެސް ފަސް އަޅަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

އަލުން ފަސްލައި އިތުރު ފަށަލައެއްގައި މީހުން ވަޅުލުމަށް އާ ސަހަރާގައި މިހާރު ހުރި މަހާނަ ގާތައް އެ މަހާނަތައް ނިސްބަތްވާ އާއިލާތަކުން ނަގަން ވެސް މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ބުނެފަ އެވެ.

އާ ސަހަރާ ފުރިގެން ކޮންމެ ފަހަރަކު ފަސް އަޅައި އިތުރު ފަށަލައެއްގައި މީހުން ވަޅުލާތީ އޭގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމީ މީހުން ވަޅުލަން ހުޅުމާލެ އަށް މައްޔިތާ ގެންދިޔުމަށެވެ. އެކަމަށް ހާއްސަ ފެރީއެއް ވެސް ބާއްވައި ދިނެވެ. ނަމަވދސް ހުޅުމާލޭ ސަހަރާގައި ވަޅުލަން ގެންދިއުމުގައި އުނދަގޫތަކެއް ހުރި ކަމަށް ބުނެ ގިނަ ބަޔަކު އޭރު ހިތްހަމަ ނުޖެހުން ފާޅު ކުރި އެވެ.

ކަނޑު ހުރަސްކޮށް މައްޔިތާ ހުޅުމާލެއަށް ގެންދަން އުނދަގޫވާ ކަމުގެ ޝަކުވާ ކުރަން ފެށުމުން 2017 ވަނަ އަހަރު ރައީސް ޔާމީންގެ އެންގެވުމަށް އިސްލާމިކް މިނިސްޓްރީން ނިންމީ މާލެ އަދި ވިލިމާލޭގައި މަރުވާ މީހުން އަލުން އާސަހަރާގައި ވަޅުލުމަށެވެ. އަދި އެކަން ކުރާނީ ބްރިޖް ހުޅުވެންދެން ކަމަށް ވެސް އޭރު ބުންޏެވެ. މިދިއަ ސެޕްޓެމްބަރު މަހުން ފެށިގެން ބުރިޖް ހުޅުވައި އަންނަނީ ބޭނުން ކުރަމުންނެވެ.

ސިޓީ ކައުންސިލްގެ އިއުލާންގައި ބުނެފައިވަނީ މާލޭގައި މަރުވާ މީހުން ވަޅުލުމަށް މިހާރު ބޭނުން ކުރަމުން އަންނަ އާ ސަހަރާގައި ޖާގަ ނެތުމާއެކު އިތުރު ޖާގަ ހެދުމަށް ސަހަރާގެ އިރުމަތީ ފަރާތަށް ވެލިއެޅުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި، އާ ސަހަރާގެ އިރުމަތީ ފަރާތުގައި މީހުން ވަޅުލާފައިވާ ބައިގެ މަހާނަތަކުގައި ޖަހާފައި ހުރި މަހާނަ ގާތައް މި މަހުގެ ނިޔަލަށް ނަގަން އާއިލާތަކަށް އަންގާފައިވާނެ ކަމަށެވެ.

"... އެ މުއްދަތުގެ ފަހުން ނުނަގާ ހުރި ގާތައް ނަގާ އެތަނަށް ވެލި އެޅޭނެ ވާހަކަވެސް ދެންނެވީމެވެ. މިގޮތުން ނަގަންޖެހޭ މަހާނަ ގާތައް ނެގުމުގައި، އެ ގައުތަކަށް ލިބިދާނެ ގެއްލުމަކަށް، މި ކައުންސިލުން ޒިންމާ ނުވެވޭނެ ވާހަކަވެސް ދެންނެވީމެވެ." އެ އިއުލާނުގައި ބުނެފައި ވެ އެވެ.

އާ ސަހަރާ ފުރިގެން މީގެ ކުރިން ވަނީ ހަތަރު ފަހަރެއްގެ މަތީން ފަސް އަޅައި އެތައް ފަށަލައަކަށް މީހުން ވަޅުލާފައި ވެއެވެ.