ދިރާގު

ދިރާގު މުވައްޒަފުންގެ ފުޓްސަލް މުބާރާތް ފަށައިފި

ދިރާގު މުވައްޒަފުންގެ މެދުގައި ބާއްވާ 15 ވަނަ ފުޓްސަލް މުބާރާތް "ޑެސްކަޕް 2019" ފަށައިފި އެވެ.

ކުޅިވަރުގެ ރޫހާއި މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމަށް ދިރާގު މުވައްޒަފުންގެ މެދުގައި 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ފުޓްސަލް މުބާރާތް ކަމުގައިވާ ދިރާގު އެމްޕްލޮއީސް ސޮކާ ކަޕް ނުވަތަ "ޑެސްކަޕް" ފަށައިފި އެވެ. "ޑެސްކަޕް" އަކީ ދިރާގު މުވައްޒަފުންގެ ޖަމިއްޔާ "އީ-ކްލަބް" އިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ.

މި އަހަރުގެ މުބާރާތް ކުރިއަށް ދާނީ 16 މާރިޗް އިން 22 މާރިޗް 2019 ގެ ނިޔަލަށް އެފްއޭއެމް ޓާފު ދޭއްގަ އެވެ. މި މުބާރާތުގައި ޖުމްލަ 26 ޓީމުން 360 ކުޅުންތެރިން ބައިވެރިވާ އިރު، 20 ފިރިހެން ޓީމާއި ހަ އަންހެން ޓީމު ބައިވެރިވެ އެވެ. އެގޮތުން، ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގެ މުވައްޒަފުން ގުޅިގެންވެސް ވަނީ ތިން ޓީމު ހަދައި މުބާރާތުގައި ބައިވެރިވެފަ އެވެ.

ދިރާގު "އީކްލަބް" ގެ ޗެއާމަން އަދި މެނޭޖަާ ހެލްތް އެންޑް ސޭފްޓީ، މުހައްމަދު ޝަފީއު ވިދާޅުވީ "އީކަލްބުން މަސައްކަތް ކުރަމުން ދަނީ އަހަރަކަށް ވުރެ އަހަރެއް މުބާރާތުގެ ފެންވަރު މަތިކޮށް މުވައްޒަފުން ހިތްހަމަޖެހޭ ގޮތަކަށް މުބާރާތް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން މި މުބާރާތް އިންތިޒާމު ކުރަން ވަކި ވަކި ކޮމިޓީތައް ހަދައި ވީހާވެސް ގިނަ މުވައްޒަފުން ޝާމިލު ކޮށްގެން މުބާރާތް ހިންގުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މި މުބާރާތް ކުރިއަށްގެންދާނީ ލީގް ސިސްޓަމަށް ޖުމްލަ ތިން ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ، މެންސް ޕްރިމިއާ ލީގް، މެންސް ސުޕާ ލީގް އަދި ވިމެންސް ފިއެސްޓާ އެވެ.