ދުނިޔެ

އިތިއޯޕިއާ އެއާލައިންސް ވެއްޓުމާއި އިންޑޮނީޝިއާ ހާދިސާއާ އެއްގޮތް

Mar 18, 2019

މިދިޔަ ހަފްތާގައި އިތިއޯޕިއާ އެއާލައިންސް ފްލައިޓު ވެއްޓުނު ހާދިސާއާ މިދިޔަ އޮކްޓޯބަރު މަހު އިންޑޮނީޝިއާގައި ހިނގި ހާދިސާއާ އެއްގޮތް ކަންތައްތަކެއްހުރި ކަމަށް އިތިއޯޕިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އިތިއޯޕިއާއިން ފުރައިގެން 157 ފަސަންޖަރުން ގޮވައިގެން ދަތުރުކުރި ބޯޓު ވެއްޓުނީ ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެވެ. ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓުން ދަތުރުކުރި ހުރިހާ ފަސަންޖަރުން އެ ހާދިސާގައި މަރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. މިއީ، ފާއިތުވި ފަސް މަހުގެ ތެރޭގައި އެ މަރުކާގެ ބޯޓެއް ވެއްޓުނު ދެވަނަ ފަހަރެވެ. މިދިޔަ އޮކްޓޯބަރު މަހު، އެ މަރުކާގެ ލަޔަން އެއާ ބޯޓެއް ވެއްޓި، 189 މީހުން ވަނީ މަރުވެފައި އެވެ.

އިތިއޯޕިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، އެ ދެ ހާދިސާގައި އެއްގޮތް ކަންތައްތަކެއް ފާހަގަވެފައިކަމަށާއި، އެ ތަހުގީގުގެ ތަފްސީލު ރިޕޯޓެއް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އާންމުކުރާނެކަމަށެވެ.

"އިތިއޯޕިއަން އެއާލައިންސް ފްލައިޓް 302 އާއި ލަޔަން އެއާ ފްލައިޓް 610 ވެއްޓުނު ހާދިސާގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ވަނީ ފާހަގަ ކުރެވިފައި، އެކަންތައްތައް ތަހުގީގުގެ މަރުހަލާގައި އިތުރަށް ބަލައި، ދިރާސާ ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ދެ ބޯޓުން ހޯދި ޑޭޓާތަކަށް ބަލާއިރު، އެ ދެ ބޯޓުގައި ކުއްލި ކުއްލިއަށް ލޮޅުންތަކެއް އަރާފައިވާކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.

އިތިއޯޕިއަން ފްލައިޓު ވެއްޓުނު ސަރަހައްދުން ލިބިފައިވާ އާ ހެކިތަކެއްގެ އަލީގައިކަމަށް ބުނެ، އެ މަރުކާގެ ހުރިހާ މަތިންދާބޯޓެއް ބޮއިންގް އިން ވަނީ ގްރައުންޑުކޮށްފަ އެވެ.

މަތިންދާބޯޓު އުފައްދާ އެމެރިކާގެ ކުންފުނިން 737 މެކްސް 8 މަރުކާގެ 371 ބޯޓު އުދުހުން މަނާ ކޮށްފައިވާ ކަމަށެވެ. އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނީ، ބޮއިންގްގެ އެ މަރުކާގެ ބޯޓުތައް ވަގުތީ ގޮތުން ގްރައުންޑުކުރަން ނިންމާފައިވަނީ ވެއްޓުނު އިތިއޯޕިއަން ފްލައިޓުން ހޯދުނު ހެކިތަކުގެ އިތުރުން ސެޓެލައިޓް މައުލޫމާތުތަކުގެ އަލީގައި ކަމަށެވެ.