ހަބަރު

ފުރިހަމަ ވަސީލަތްތަކާއެކު މާލެ ކައިރީގައި ޕިކްނިކް ދާނެ ރަށެއް

Mar 18, 2019
1

ފުރިހަމަ ވަސީލަތްތަކާއެކު މާލެ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މާލެ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވިދާޅުވެފައިވެ އެވެ. މިރޭ ރައީސް އިއުލާން ކުރެއްވީ އެ ރަށް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފުރިހަމަ ފެސިލިޓީސްތަކާއެކު މާލެއާ ވަރަށް ކައިރިން ދަތުރު ދާނެ ރަށެއް ވެސް ހަމަޖެހިގެން ދާނެ،" އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާއަށް ވާދަ ކުރައްވާ އީވާ އަބްދުﷲގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ފަހަކާ ޖެހެންދެން ކުޑަ ބަނޑޮސް، ޕިކްނިކް ދާ ރަށެއްގެ ގޮތުގައި އޮތެވެ. ޕިކްނިކް ދާނެ ރަށެއް މާލެ ކައިރީގައި ނެތުމަކީ ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާ ކަމެކެވެ.

މާލެ ކައިރީގެ އިތުރުން ބައެއް އަތޮޅުތަކުގައި ވެސް ޕިކްނިކް ދާނެ ފަޅު ރަށެއް ނެތުމުގެ ޝަކުވާ އޮވެ އެވެ. ރައީސް ސޯލިހު ވަނީ ކޮންމެ އަތޮޅެއްގައި ވެސް އެފަދަ ރަށެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ.