ހަބަރު

ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ޖަނާހު

Mar 20, 2019
1

ރާއްޖޭގެ ކޮންޓްރެކްޓަރުންގެ ގައުމީ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެންއޭސީއައި) ގެ ރައީސްގެ މަގާމަށް ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އިންތިހާބުކޮށްފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ނަމުގައި ކުރިން ހިންގި ޖަމިއްޔާގެ ރައީސް ކަމަށް ޖަނާހު ހޮވާފައިވަނީ އެ ޖަމިއްޔާއިން ރޭ ހޮޓެލް ޖެންގައި ބޭއްވި ޖަމިއްޔާގެ 17 ވަނަ އަހަރީ އާއްމު ޖަލްސާގަ އެވެ.

އަހަރީ އާއްމު ޖަލްސާއަށް ހާޒިރުވިވި 80 މެންބަރުންގެ އިއްތިފާގުން ޖަނާހު ރައީސްގެ މަގާމަށް ހޮވާފައިވާއިރު އެ މަނިކުފާނުވަނީ މީގެ ކުރިން ވެސް ހަތް ފަހަރެއްގެ މަތިން މަސީގެ ރައީސްކަން ކުރައްވާފައިވެ އެވެ. އަދި މަސީ އުފެއްދުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާ ކުރެއްވި އެއް ބޭފުޅަކީ ވެސް އޭނާ އެވެ.

ޖަމިއްޔާގެ ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގަތުމުން ރިޔާސަތާ ހަވާލުވެ ވަޑައިގެން ވާހަކަ ދައްކަވަމުން އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސްކަން ވެސް ކުރައްވާ ޖަނާ ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އެ ޖަމިއްޔާ އިތުރަށް ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މަސީގެ އަހަރީ އާންމު ޖަލްސާގެ ފޮޓޯ އަލްބަމެއް

ހާއްސަކޮށް އިމާރާތް ކުރުމުގެ ދާއިރާގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދު ކުރުމަށްޓަކައި ހަރުދަނާ ކުރަންޖެހޭ ކަންކަން ކުރުމަށް އިސްކަން ދެއްވާނެކަން އިއުލާނު ކުރެއްވި އެވެ.

"އަޅުގަނޑު ގަސްތުކުރަނީ ކުރިއަށް އޮތް ދައުރުގައި މަސީގެ މެންބަރުންނަކީ ބޭސިކް ސޭފްޓީ ކޯހެއް ފުރިހަމަ ނުކުރާނަމަ މެންބަޝިޕް ސަސްޕެންޑްވާ ގޮތަށް ބާއްވަން. އެކަން ބޯޑަށް ހުށަހަޅާނަން ބޯޑަށް. ކޮންމެ މެންބަރަކީ ބޭސިކް ސޭފްޓީ ކޯސް ފުރިހަމަ ކޮށްފައި ތިބި މެންބަރަކަށް ވާން ބޭނުންވޭ. މި ކޯސް ހަދައި އޭގެ ސެޓިފިކޭޝަން އާއި ސޭފްޓީ އޮފިސަރެއް މަސީގެ މެންބަރު ކުންފުންޏެއްނަމަ ހުންނަން ޖެހޭނެ ކަމަށް ފުރަތަމަ ބޯޑަށް ހުށަހަޅާނަން،" ޖަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިމިދިޔަ ދައުރުގައި މަސީގެ ބޯޑާއި އޭރުގެ ރައީސް އަބްދުﷲ މުހައްމަދު ގިނަ މަސައްކަތް ތަކެއް ކުރެއްވި ކަމަށެވެ. އަދި އަބަދު ވެސް މަސީ އިން މަސައްކަތް ކުރަމުން ގެންދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި (އެސްއެމްއީ) އަށް ހުރި ދަތިތައް ފިލުވައި ދޭން ކަމަށެވެ.

އާ ދައުރުގައި މަސީގެ މެންބަރުން ބޭސިކް ސޭފްޓީ ކޯހެއް ފުރިހަމަ ނުކުރާނަމަ މެންބަޝިޕް ސަސްޕެންޑްވާ ގޮތަށް ހަދަން ބޯޑަށް ހުށަހަޅާނަން. މި ކޯސް ހަދައި އޭގެ ސެޓިފިކޭޝަން އާއި ސޭފްޓީ އޮފިސަރެއް މަސީގެ މެންބަރު ކުންފުންޏެއްނަމަ ހުންނަން ޖެހޭނެ ކަމަށް ފުރަތަމަ ފަހަރަށް ބޯޑަށް ހުށަހަޅާނަން
މުހައްމަދު އަލީ ޖަނާހު | މަސީ އަދި އިފޯޕްކާގެ ރައީސް

"އަޅުގަނޑުމެން ބޭނުންވަނީ ބިނާ ކުރަނިވި ހިޔާލު. އަޅުގަނޑު ބަލާނީ ކޮންޓްރެކްޓަރުންގެ މެދުގައި ވާދަވެރިކަން އޮތަސް އެއްބައި ވައްތަކަމާއި އަހުވަންތަކަން ދަމަހައްޓަން. އަބަދުވެސް ކުރިއަށް މި ގެންދަނީ ގައުމު ކުރިއަށް ގެންދަން ހުރިހާ ސަރުކާރު ތަކުން ކުރާ މަސައްކަތް ތަކުގައި އެއްބާރުލުން ދީގެން. އިރާދުކުރެއްވިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސް މަސީ އިން އެއްބާރުލުން ދޭނެ" ޖަނާ ވިދާޅުވި އެވެ.

އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާގައި އާ ބޯޑާއި އެކްސްކޯ ވެސް އިންތިހާބު ކުރި އެވެ. އާ އެކްސްކޯ އަށް ހޮވިވަޑައިގަތީ ރައީސް ކަމަށް މުހައްމަދު އަލީ ޖަނާހެވެ. ދެ ނައިބް ރައީސުންގެ ގޮތުގައި އެލިއާގެ އަލާއު އަލީ އަދި ދަމާސް ކުންފުނީގެ އަބްދުﷲ ސޯލިހެވެ.

އަލަށް އުފެއްދި ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރީގެ ނައިބު ރައީސް އަދްނާން ހަލީމް އިންތިހާބު ކުރި އިރު އަދި ހަޒާންދާރުގެ މަގާމާއި ހަޒާންދާރުގެ އެހީތެރިޔާ ވެސް ހޮވާފައި ވެއެވެ.

މަސީ އިން ރޭ ވަނީ އެ ޖަމިއްޔާއަށް ފައިސާގެ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާ ފަރާތްތައް ފާހަގަ ކޮށް އަގުވަޒަން ކޮށްފަ އެވެ.

އެންމެ ބޮޑު އެހީތެރި ކަމެއް ދެއްވާ ބޭފުޅަކަށް ވެސް ރޭ ހޮވުނީ ޖަމިއްޔާގެ އާ ރައީސް ޖަނާ އެވެ. މިދިޔަ އަހަރު އެ ޖަމިއްޔާ އިން ހަތް ލައްކަ ރުފިޔާ ހަރަދުގެ ގޮތުގައި ހޭދަކުރިއިރު ޖަނާހު ވަނީ ހަތަރު ލައްކަ ރުފިޔާ އެހީގެ ގޮތުގައި ދެއްވާފަ އެވެ. ދެން ހިމެނެނީ އެލިއާ ކުންފުނީގެ އަލާއު އަލީ އާއި ދަމާސް ކުންފުނީގެ އަބްދުﷲ ސޯލިހު އަދި އަމީން ކޮންސްޓްރަކްޝަންގެ އަބްދުﷲ މުހައްމަދެވެ.

ރާއްޖޭގެ ފަހުގެ ތާރީހުތަކުގައި އެންމެ އެދެވޭ ގޮތުގައި ކުރިޔަށްދާ އަދިި ނަތީޖާ ހާސިލްކޮށްފައިވާ ޖަމިއްޔާއަކީ ކޮންޓްރެކްޓަރުގެ ގައުމީ ޖަމިއްޔާ އެވެ.