ރައީސް މުހައްމަދު ނަޝީދު

ހިސާނަށްވެސް ތުހުމަތު، އޭނާގެ ދިފާއުގައި ނަޝީދު

މީގެ ކުރިން ރައީސް މުހައްމަދު ނަޝީދަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި ގާނޫނީ ވަކީލަކަށް ވެވަޑައިގެން ނުކުންނަވަނީ ހިސާން ހުސައިން އެވެ. މިފަހަރު މިއޮތީ ތަފާތު ވެފައެވެ. ރައްުޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް ހިސާން ހުސެއިންގެ މައްޗަށް ކުއްލި ގޮތަކަށް މީހަކު ތުހުމަތުތަކެއްކޮށް އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަލަމާލު ކަމަށް ގެނެސްފައި ވަނިކޮށް ހިސާން ދިފާއު ކުރައްވަން ނުކުންނެވީ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު ވަނީ އެކަމަނާ ދިފާއު ކުރައްވާ ވަކާލާތު ކުރައްވާފަ އެވެ. އަދި ހިސާންގެ ފަރާތްޕުޅުން ވެސް އެކަމަނާއަށް ކުރާ އެ ވތުހުމަތުތައް ދޮގު ކުރައްވައިފި އެވެ.

ހިސާނަކީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލެވެ. ނަޝީދަކީ ވެސް މިފަހަރުގެ އިންތިހާބުގައި މާލޭގެ މައްޗަންގޯޅި މެދު ދާއިރާއަށް ވާދަ ކުރައްވާ ބޭފުޅެކެވެ.

ޓްވީޓެއް ކުރައްވައި ރައީސް ނަޝީދު ހިސާންގެ ދިފާއުގައި ވިދާޅުވީ ހިސާންގެ އަބުރު ނަގާލުމަށް ބަޔަކު ރާވައިގެން ހިންގާ އެފަދަ ސިޔާސީ އަމަލުތަކަކީ ފިނޑި އަމަލެއްގެ ގޮތުގައި ދެކެ ވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމަނާއަކީ އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑުގެ ވަކީލް އަދި އެމްޑީޕީގެ ޓިކެޓްގައި ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ހިސާން ހުސައިންގެ އަބުރު ނަގާލުމަށް ރޭވިގެން ހިންގާ ސިޔާސީ ހަރަކާތްތަކަކީ ފިނޑި އަދި ދަށު ދަރަޖައިގެ އަމަލުތަކެއް،" ނަޝީދު ވިދާވެފައި ވެއެވެ.

ނަޝީދު ކުރެއްވި ޓުވީޓު

ނަޝީދު މި ޓްވީޓް ކުރައްވައި ހިސާން ދިފާއު ކުރެއްވި އިރު، ހިސާން ލާއިންސާނީ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ބ. ތުޅާދޫ، ހިރިޔާ، އަނަފް އަހުމަދު އިއްޔެގެ ތާރީހުގައި ރައީސް ސޯލިހަށް ފޮނުވާފައިވާ ކަމަށް ބުނާ ދިގު ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދެ އެވެ. ތުޅާދޫ ދާއިރާއަށް ރައީސް މައުމޫނުގެ ތާއީދާއެކު ވާދަ ކުރައްވާ ކެންޑިޑޭޓް އިބްރާހީމް އަފީފްގެ ކެމްޕެއިން ޓީމުން ވެސް ސޯޝަލް މީޑިއަށް އެ ސިޓީ ލާފައިވެ އެވެ.

އަނަފް އަހުމަދުގެ އެ ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުން މީގެ އަހަރު ތަކެއް ކުރިން އޭނާ އާއި އިތުރު ތިން ކުއްޖަކު މ. ނޫހިރި، ގޭގައި ކިޔަވަން އުޅުނު އިރު ހިސާންގެ ފަރާތުން ބޮޑެތި ލާއިންސާނީ އަނިޔާތައް އެމީހުނަށް ލިބުނެވެ.

އެ ސިޓީގައި ވާގޮތުން ހިސާން ވަނީ އެމީހުން ކިޔަވަން ތިބި ހިސާންގެ ބައްޕަގެ ގެއިން ފެނާއި ކަރަންޓު ކަނޑާލައި, ނިދާފައި ތިބި ކޮޓަރީގެ ފެންލައިޓުން އެޅިގަލެއް އެއްލާފަ އެވެ. ފެނާއި ކަރަންޓު ކަނޑާލުމުން އެދުވަސްވަރު ގައިން ތާހިރުވީ އާންމު އިސްކުރު ބަރިން ހަންހަމަށް ފެން ފުރައި އުއްބަތި ދިއްލައިގެން ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން އެ މީހުން ނިދާފައި ތިބި ކޮޓަރީގެ ތަޅު އެތައް ފަހަރަކު ހިސާން ހަލާކު ކުރި ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

މިނޫނަސް ބައިވަރު ކަންކަން ހިސާންގެ މައްޗަށް ތުހުމަތަކާއެކު އެ ސީޓީގައި ބުނެފައި ވަނީ އެމްޑީޕީ އަކީ ވަކި މީހަކަށް ވަކި ގޮތަކަށް އަމަލު ނުކުރާނެ ޕާޓީއަކަށްވާއިރު މި މައްސަލާގައި ހިސާން އާއި މެދުވެސް އަމަލު ކުރަން ވާނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އާއި މެދުވެސް އަމަލު ކުރިގޮތަށް ކަމަށެވެ. އަދި މި މައްސަލައިގެ ހެކިވެސް އޭނާގެ އަތުގައި އެބަހުރި ކަމަށާއި ހެކިބަސް ދިނުމަށް ތައްޔާރަށް ހުރި ކަމަށް ވެސް ބުނެފައި ވެއެވެ.

ތިނަދޫ އުތު ދާއިރާއަށް ކުރިމަތިލެއްވި އަބްދުލް މުޣުނީއަށް އެމްޑީޕީން ކުރާ ތާއީދު އަނބުރާ ގެންދިޔައީ އޭނާ އަކީ ގެވެށި އަނިޔާ ކުރާ މީހެއް ކަމަށް އޭނާ ވަރި ކުރި އަންހެނަކު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްގެނެވެ. އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައި ވެސް ވެއެވެ.

ހިސާނަށް ކުރި ތުހުމަތުތަކާ ގުޅިގެން ހިސާންގެ ފަރާތްޕުޅުން ވަނީ އެކަން ދޮގުކޮށް ކުށްވެރިކޮށްފަ އެވެ. އެކަމަނާގެ ފަރާތްޕުޅުން އެކަމަނާގެ ކެމްޕޭން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ސިޓީގައި ކޮށްފައިވާ ތުހުމަތުތަށް ޕުލުހަށް ހުށަހަޅައިފައިވާ ކަމަށް ބުނި ނަމަވެސް ހިސާން އާ ދެކޮޅަށް އެފަދަ މައްސަލަ އެއް ފުލުހުންގެ މުއައްސަސާއަށް ހުށަހާޅާފައި ނުވާ ކަމަށެވެ.

އަދި އެ ބަޔާނުގައި އިތުރަށް ބުނީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކޮށް އަބުރު ނަގާލަން މަސައްކަތް ކުރުމަކީ ކެމްޕެއިން ކުރުމުގެ ހަރުދަނާ އުސޫލުތަކާއި ހިލާފު ގާނޫނީ ގޮތުން ކަނޑައެޅިފައިވާ އިންތަކާ ބޭރުން ހިންގާ އަމަލެއް ކަމަށެވެ. މީގެ އިތުރުން ހިސާންގެ މައްޗަށް ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކޮށްފައިވަމުން އެކަން ބަލައި ދިނުމަށް ފުލުހުންގެ ކިބައިން އެދޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެ އެވެ.