ވިޔަފާރި

ގްލޯބަލް މަނީ ވީކުގެ ވީޑިއޯއެއް ހަދައިގެން 1000ރ. އިނާމެއް

"ގްލޯބަލް މަނީ ވީކް" ފާހަގަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ކުރިއަށް ގެންދާ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރެއިން ވީޑިއޯ ސްކިޓް ފޮނުވައިގެން އިނާމު ލިބޭ ހަރަކާތެއް ފަށައިފި އެވެ.

މި ހަރަކާތަކީ 12 އަހަރުން ދަށުގެ ކުދިން ފައިސާއާމެދު ދެކޭ ގޮތް ކުރު ވީޑިއޯއެއްގެ ސިފައިގައި އާންމުންނަށް ފޯރުކޮށްދިނުމަށް އަމާޒުކުރެވިފައިވާ ހަރަކާތެކެވެ. މީގެ ބޭނުމަކީ ފައިސާ އާއި މާލީ ކަންކަމާ ގުޅޭ ގޮތުން ތުއްތު އިރުއްސުރެ ވިސްނައި ފިކު ރުހިންގުމަށް މަގު ފަހިކޮށް މި ފަދަ މައުޟޫތަކަށް ބެލެނިވެރިންނަށް ކުދިންނާ އެކު ވާހަކަ ދެކެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.

ވީޑިއޯ ސްކިޓްގެ ހަރަކާތުގައި ބައިވެރިވުމަށް ޓަކައި "ފައިސާ ބޭނުންވަނީ ކީއްވެ؟" ނުވަތަ "ފައިސާ ރައްކާކުރަނީ ކިހިނެއް؟" މި ދެ ސުވާލުގެ ތެރެއިން ކޮންމެ ވެސް އެއް ސުވާލަކަށް ޖަވާބުދީ ކުރު ވީޑިއޯއެއް ތައްޔާރުކުރުމަށް ފަހު 9494999 ޓެލެގްރާމް ކުރާނީ އެވެ. އަދި ވީޑިއޯ ފޮނުވާއިރު ކުއްޖާގެ ނަމާއި އުމުރު ޖައްސަވަންވާނެ އެވެ. ވީޑިއޯ ފޮނުންވުމުގެ އެންމެ ފަހު ތާރީހަކީ މި މަހު 24 އެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޓަކައި ފޮނުވާ ވީޑިއޯތައް "ގްލޯބަލް މަނީ ވީކް" 2019 މޯލްޑިވްސް ފޭސްބުކް ޕޭޖްގައި ދާނީ ހިއްސާ ކުރަމުންނެވެ. އަދި ފޮނުއްވާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ކުއްޖަކަށް 1000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ފާހަގަކުރާ ބައިނަލްއަގުވާމީ ހަރަކާ ތެކެވެ. މި ހަރަކާތުގައި ކުޑަކުދިންނާއި ޒުވާނުންނަށް މާލީ ގޮތުން ގުޅުންހުރި އެކިއެކި ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގަ އެވެ. އެގޮތުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެމްއެމްއޭ ގުޅިގެން ބައެއް ސުކޫލްތަކުގައި ގްލޯބަލް މަނީ ވީކަށް ޚާއްސަކޮށް ކުރެހުމުގެ މުބާރާތެއް ވެސް ފަށައިގެން ކުރިއަށް ދެއެވެ. މީގެ އިތުރުން ވެސް ގްލޯބަލް މަނީ ވީކް ކުލަ ގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ވަނީ ރާވާފަ އެވެ.