އިމިގްރޭޝަން

ބިދޭސީންގެ ކަންކަން ބަދަލުކުރާތީ ކޯޓާ ސިސްޓަމް މެދުކަނޑާލައިފި

ރާއްޖެއަށް މަސައްކަތް ކުރަން ގެންނަ ބިދޭސީންގެ ކަންކަން ބެލެހެއްޓުން އިކޮނޮމިކް މިނިސްޓްރީ ގެ ދަަށަށް ބަދަލުކުރުމަށް ޓަކައި އިމިގްރޭޝަންގެ ބިދޭސީންނާ ބެހޭ ސިސްޓަމް މެދުވެރިކޮށް ދެމުން ގެންދާ ހިދުމަތް ވަގުތީ ގޮތުން މިއަދުން ފެށިގެން މެދުކަނޑާލައިފައިވާ ކަމަށް އިމްގްރޭޝަނުން ބުނެފި އެވެ.

ބިދޭސީންނާ ބެހޭ މަސައްކަތް ކުރާ އިމިގްރޭޝަންގެ ސިސްޓަމްގެ މަސައްކަތް އަލުން ފަށާނެ ދުވަހެއް އިމިގްރޭޝަނުން ބުނެފައެއް ނުވެ އެވެ. މީގެ ކުރިން އިމިގްރޭޝަނުން ބުނެފައިވަނީ ބިދޭސީންގެ ކަންކަން ބަލަހައްޓަން ގެންގުޅޭ ސިސްޓަމްގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލަން ހަމަޖެހިފައިވަނީ މިމަހު ފަސް ވަނަ ދުވަހު ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ރާއްޖެ ގެންނަށް ބިދޭސީންގެ ކަންތަށް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ މިދިޔަ މަހު 11 ވަނަ ދުވަހު އެވެ. މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބިދޭސީންގެ އެތެރެ ކުރުމުގެ މަސައްްކަތް އެމިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔައީ، ބިދޭސީން އެތެރެވުމަށް ހުއްދަ ދިނުމާބެހޭ މަސައްކަތްތަށް ހަރުދަނާކުރުމަށް ސަރުކާރުން އެކުށައަޅުއްވާފައިވާ ސިޔާސާތުތަށް ތަންފީޒުކުރުމަށްޓަކައި ކަމަށެވެ.

ގަވައިދުގައި މިހާރު ވާގޮތުން ބިދޭސީންނާ ގުޅުން ހުރި ކަންތައްތަކުގެ ތެރެއިން، ކޯޓާ ހަމަޖައްސައިދިނުމާއި، ބިދޭސީންގެ އެމްޕްލޯއިމެންޓް އެޕްރޫވަލް ދިނުމާއި، ވިސާ ޑިޕޮސިޓް ފީ ބަލައިގަތުމާއި އަދި ރީފާންޑު ކުރުމުގެ މަސައްކަތުގެ އިތުރުން ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްދޭނީ އިކޮނޮމިކް މިނިސްޓްރީ އިންނެވެ.

ބިދޭސީއިން ކަންކަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާއިރު ގަވައިދާ ހިލާފަށް ރާއްޖޭގެ ގިނަ ބިދޭސީންތަކެއް އުޅޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ވޯކް ވިސާގައި 144،607 ބިދޭސީން ރާއްޖެ ގެނެސްފައިވާއިރު، އޭގެ ތެރެއިން 63،000 ބިދޭސީން ގަވައިދާ ހިލާފަށް އުޅެމުންދާކަން ލަފާ ކުރެވޭ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.