ހަބަރު

މުޚްތަބާގެ ފަރާތުން ޑިނާ ނައިޓަކާއި އާއިލީ ހަވީރެއް

މާފަންނު ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އިސްމާއިލް މުޚްތަބާގެ ފަރާތުން ދާއިރާގެ ރައްޔިތުންނަށް ޑިނާ ނައިޓަކާއި އާއިލީ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

މުޚްތަބާގެ ކެމްޕެއިން ޓީމުން ބުނީ، ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށް ބާއްވާ ޑިނާ ނައިޓް އޮންނާނީ މިރޭ 8:00 އިން 10:30 އަށް މާފަންނު ބީޖީ ގަރާޖް ކައިރީގައި ހުންނަ އޭނާގެ ޖަގަހައިގައި ކަމަށެވެ. އެ އިވެންޓްގައި މުޚްތަބާ ވާހަކަ ދައްކާނެ އެވެ. މީގެ އިތުރުން ބޮޑުބެރުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެ ކަމަށް ކެމްޕެއިން ޓީމުން ބުންޏެވެ.

މީގެ އިތުރުން މާދަމާ ހަވީރު 4:00 އިން 6:00 އަށް އާއިލީ ހަވީރެއް ވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ އިވެންޓްގެ ހަރަކާތްތައް މާފަންނު މަދަރުސާގެ ތެރޭގައި އޮންނާނެ އެވެ. އެ އިވެންޓްގައި ވެސް މުޚްތަބާ ވާހަކަ ދައްކާނެ ކަމަށް އޭނާގެ ކެމްޕެއިން ޓީމުން ބުންޏެވެ.

މުޚްތަބާ އަކީ ސަރުކާރުގެ ވަޒީފާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވާ ފަރާތެކެވެ. އެގޮތުން ގައުމީ ބޭންކުގައި އާއްމު ހިއްސާދާރުއެއްގެ ގޮތުގައި ދެ ދައުރު އަދާކުރައްވާފައިވާ ފަރާތެކެވެ. އަދި ސަރުކާރާއި ރައްޔިތުންގެ ކުންފުނިއެއް ކަމަށްވާ އެސްޓީއޯގެ ހަ އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވެ އެވެ.

މުޚްތަބާ ވަނީ މިމަހު އަށް ވަނަ ދުވަހު އެނާގެ ސަޕޯޓަރުންނާއެކު ވަރަށް ތަފާތު ލޮރީ ބުރެއްވެސް ބާއްވާފަ އެވެ. އެ ލޮރީ ބުރުގެ ބައިވެރިން ތިބީ މާސްކް އަޅައިގެންނެވެ.