ދުނިޔެ

ކޮރެއާގައި ސްޕައި ކޭމް ވީޑިއޯގެ ޝިކާރައަކަށް 1،600 މީހުން

Mar 21, 2019

ސޯލް (މާޗް 21) - ދެކުނު ކޮރެއާގެ ބައެއް ހޮޓާތަކުގެ ކޮޓަރިތަކުގައި ސްޕައި ކޭމް ހަރުކޮށްގެން ސިއްރުން ނަގާފައިވާ ބަރަހަނާ ވީޑިއޯތަކުގެ ޝިކާރައަކަށް 1،600 މީހުން ވެފައިވާކަމަށް އެގައުމުން ބުނެފި އެވެ.

އެ ކެމެރާތައް ކޮޓަރިތަކުގައި ހުންނަ ޓީވީތަކާއި ހެއާ ޑްރަޔާސްގެ އިތުރުން ކަރަންޓު ސޮކެޓުތަކުގައި ހައްޔަރުކޮށް، ސިއްރުން ވީޑިއޯތައް ނަގައިގެން ވެބްސައިޓެއް މެދުވެރިކޮށް ވިއްކާފައިވާ މަސައްލާގައި ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ކުށް ސާބިތުވެއްޖެނަމަ އެ ކަމުގައި ތުހުމަތުކުރެވޭ މީހުންނަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ސްޕައި ކޭމްތައް ބޭނުންކޮށްގެން މީހުންގެ ބަރަހާނާ ވީޑިއޯތައް ނަގާ މައްސަލަ ބޮޑުވެ، ބަލިމަޑުކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

ކޮރެއާ ފުލުހުން ބުނި ގޮތުގައި، އެ ހަތަރު މީހުން ވަނީ މިދިޔަ އޯގަސްޓް މަހު، އެގައުމުގެ 10 ސިޓީއެއްގައި ހުރި 30 ހޮޓަލެއްގައި ކެމެރާ ހަރުކޮށްގެން ސިއްރުން ވީޑިއޯ ކޮށްފަ އެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ހާއްސަ ވެބްސައިޓެއް ހަދައި، ފައިސާ ދައްކައިގެން އެ ވީޑިއޯތައް ބެލޭގޮތަށް އާމްދަނީ ހޯދާފައިކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ ވެބްސައިޓަށް 800 އަށް ވުރެ ގިނަ ވީޑިއޯ އަޕްލޯޑުކޮށްފައިވާއިރު، އެ ވެބްސައިޓް ހޯސްޓްކޮށްފައިވަނީ ބޭރުގެ އެކި ސާވާތަކުގަ އެވެ.

މިދިޔަ އަހަރުވެސް ސިއްރުން ވީޑިއޯކޮށް އާންމުކުރި 6،000 އަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އެގޮތުން ސްޕައި ކޭމް މެދުވެރިކޮށް ވީޑިއޯ ނެގި ތުހުމަތުގައި 5،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި ނަމަވެސް، އަދަބު ދެވިފައިވަނީ އޭގެ ތެރެއިން އެންމެ ދެ ޕަސަންޓް މީހުންނަށެވެ.