ހަބަރު

ނިހާން، ދީނީ ދެ އިލްމުވެރިޔަކާ ޒުވާބުކޮށް ހިމާރަށް ގޮވައިފި

45

ދީނީ އިލްމުވެރިންގެ ތެރޭ ހިމެނޭ ދެ ބޭފުޅުންކޮޅަކާއި މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ޓްވިޓާ މެދުވެރިކޮށް ކުރި ޒުވާބު ހޫނުވެ، އެ މީހުންނަށް ނިސްބަތްކޮށް "ހިމާރަށް" ގޮވައިފި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ޓްވިޓާގައި އެކުއެކީގައި ކަންކަމަށް ބަހުސްކޮށް ތާއީދުކޮށް ހައްދަވާ ޝެއިހް އަލީ ޒައިދާއި ޑރ. މުހައްމަދު އިޔާޒެވެ. އެ ދެ ބޭފުޅުންނާއި ނިހާނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުން ގޮސް އެ ދެ ބޭފުޅުން ޓެގްކުރައްވައި ޕީޕީއެމްގެ ޕީޖީ ލީޑަރު ވަނީ "ހިމާރަށް" ވެސް ގޮވައިފަ އެވެ.

"މިހިރަ ސޭކު ހިމާރާ! މަ މަޖިލިސްގަ އުޅޭތާ މީ 10 ވަނަ އަހަރު! ރޮލެކްސް ގަޑި އެއް ނުގަނެވެވި ނުހުންނާނެ. ކަލޭހެން ދީން ވިއްކައެއް ނޫޅޭން،" ނިހާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ނިހާން މި މޭރުމުން ޓްވީޓު ކުރެއްވީ، ޒައިދް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ބެރިކޭޑު މަތިން ފުންމާފަ، ރޮލެކްސް ގަޑި އަޅުއްވާފަ، ދެން ވެސް އެންމެ ބޮޑެތި ހާއިނުންނަށް ތާއީދުކޮށްފަަ، ކޭކު ކާންދީފަ، ދެން އައިސް ޑރ. އިޔާޒް އާ ދިމާލަށް ހުތުރުކޮށް އެއްޗެހިކިއުމުން ވެއްޓޭނީ އަމިއްލަ އަގެވެ. ޑރ. އިޔާޒަކީ އިހުލާސްތެރި އެކެވެ. ހައްގުބަސް ވިދާޅުވާ ނަމޫނާއެކެވެ. ހެކި ވަމެވެ." މިހެނެވެ.

އެ ހިސާބުން ވެސް ހުއްޓައި ނުލައްވައި، ނިހާން ވަނީ ވަރަށް ހުތުރުކޮށް އެ ދެ އިލްމުވެރިންނަށް ނިސްބަތްކޮށް ޓްވީޓުތަކެއް ކުރައްވައިފަ އެވެ.

އެގޮތުން އިޔާޒަށް ނިސްބަތްވާ ގޮތަށް "ކައްޒާބް" އަށް ވެސް ގޮވައިފަ އެވެ. މުސައިލަމަތުލް ކައްޒާބު އަކީ ކިރިތި ރަސޫލާ ގެ ދުވަސްވަރުގައި އުޅުނު ބޮޑު ދޮގުވެރިއެކެވެ.

"އަދި މީ ކަލެޔާ ކަލޭގެ އަނެއް އެކުވެރި ކައްޒާބަށް މަ ރައްދު ދޭނެ އެންމެ ފަހު ފަހަރު. ތީ ބަޔަކަކު ވާހަކަ ދައްކައި އުޅޭ ވަރަށްވުރެ ޖާހިލުކަން ބޮޑު ދެ މީހުން،" ނިހާންގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން ވެސް ނިހާނުގެ މިފަދަ މައްސަަލަތައް އައިސްފައި ވެއެވެ. އޭގެ ތެރޭގައި މަޖިލީހުގެ ތަޅުމުގައި އެހެން މެންބަރެއްގެ މޫނަށް ކޯ ދޮވުނު މައްސަލަ ހިމެނެ އެވެ.