ހަބަރު

ހައިވޭގެ ފެންސު ފަޅާލި އެކްސިޑެންޓާ ގުޅިގެން ފިޔަވަޅު އަޅަން ފޮނުވައިފި

Mar 21, 2019

ސިނަމާލެ ބްރިޖާ ގުޅޭ ހައިވޭގައި ދުއްވަނިކޮށް މިދިއަ ފެބުރުއަރީ މަހުގެ 15 ދުވަހުގެ ރޭ މެންދަމު ކޮންޓްރޯލް ގެއްލި ހައިވޭގެ ދަނގަނޑު ފެންސް ފަޅާޅައި ގޮސް ކަނޑުތޮށީގައި ޖެހި އެެކްސިޑެންޓެއްވި މައްސަލާގައި ފިޔަވަޅު އަޅަން ޓްރާންސްޕޯޓް އޮތޯރިޓީއަށް ފުލުހުން ފޮނުވައިފި އެވެ.

މި މައްސަލަ އެ އޮތޯރިޓީއަށް ފޮނުވީ އިއްޔެ އެވެ.

ހައިވޭ މަތިން މި އެކްސިޑެންޓްވެފައި ވަނީ ޔޫތު މިނިސްޓަރުގެ ޕީއެސް އަހުމަދު އަޒުމޫނެވެ. އެކްސިޑެންޓުވެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ބޮޑު ބައެއް ފަތްޖެހިގެން ދިޔަ އެ ކާރު ދުއްވަން އެރޭ އިނީ ވެސް އޭނާ އެވެ. އެހެން ނަމަވެސް އެރޭގެ ނުރަކާތެރި އެ އެކްސިޑެންޓްގައި ބޮޑު އަނިޔާއެއް ނުވެ އޭނާ ސަލާމަތްވި އެވެ.

އެރޭ އެކްސިޑެންޓްވެފައި ވަނީ ރޭ މެންދަމުން އަލިވެ 3:00 ޖެހި އިރު ހުޅުމާލެއިން މާލެއަށް ކާރު ދަތުރުކުރި މަގުމަތީގަ އެވެ. މަޒްޑާ ބްރޭންޑްގެ އާރްއެކްސް އެއިޓްގެ އެ ކާރު ކޮންޓްރޯލް ގެއްލުމާއެކު ހައިވޭގެ ދެކުނު ފަޅީގެ އަރިމަތީ ދަނޑު ފެންސް ފަޅާލައި ބިންދާލުމަށްފަހު އެދިމާލުން ބޭރަށް އުސްކޮށް އޮންނަ ކަނޑު ތޮށިގަނޑުގައި ޖެހުނީ ހައިވޭގެ ހޮޅިދަނޑިއެއްގައި ވެސް ޖެހި އެއްވެސް ބިނދައިގެން ދިއުމަށް ފަހު އެވެ.

އެރޭ ބްރިޖް މަތިން އެ ކާރު ދުއްވާފައި ވަނީ 70 ކިލޯ މީޓަރަށް ވުރެވެސް ބާރަށް ކަމަށް ވެއެވެ. -- ބްރިޖާއި ހައިވޭގައި އެންމެ ބާރަށް ދުއްވެނީ 50 ކިލޯ މީޓަރަށެވެ.