ދުނިޔެ

ބްރެކްސިޓް ފަސްކޮށްދޭން އީޔޫން އެއްބަސްވެއްޖެ

Mar 22, 2019

ލަންޑަން (މާޗް 22) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވާ ތާރީހު ފަސްކޮށްދިނުމަށް އީޔޫ ގައުމު ތަކުގެ ލީޑަރުން އެއްބަސްވެއްޖެ އެވެ.

އީޔޫން ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހެއްޅުއްވި އެއްބަސްވުމަށް ދެވަނަ ފަހަރަށް ނޫނެކޭ ބުނުމަށްފަހު، މާޗް 29 ގައި އީޔޫން ވަކިވާއިރު، އެއްވެސް އެއްބަސްވުމެއްނެތި ވަކި ނުވުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ގަރާރު އިނގިރޭސި ޕާލިމަންޓުން ވަނީ ފާސްވެފަ އެވެ.

ނަމަވެސް، އީޔޫގެ ތާއީދާއެކު މޭ ހުށަހެޅުއްވި އެއްބަސްވުން އަންނަ ހަފުތާގެ ތެރޭގައި ފާސް ކޮށްފިނަމަ، ވަކިވާންޖެހޭ ތާރީހު މެއި 22 އާހަމައަށް އިތުރު ކޮށްދޭނެ ކަމަށް އީޔޫން ވަނީ ބުނެފަ އެވެ. އެއްބަސްވުން އަނެއްކާ ވެސް ފާސް ނުކޮށްފިނަމަ، އެ ތާރީހް އިތުރު ކޮށް ދެވޭނީ އޭޕްރީލް 12 ގެ ނިޔަލަށް ކަމަށް ބުނެފައިވެ އެވެ.

ތިން ވަނަ ފަހަރަށް ވޯޓަކަށް ދިޔުމަށް މޭ ގެންގުޅުއްވި ވިސްނުންފުޅު، ޕާލިމަންޓުގެ ރައީސް ވަނީ ހުއްޓުވައިފަ އެވެ. ތިން ވަނަ ފަހަރަކަށް ވޯޓަށް އެހޭނީ އެ އެއްބަސްވުން ބަދަލުކޮށްގެން ކަމަށް ޕާލިމަންޓުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

އެ ކަންބޮޑުވުންތަކާއި ގުޅިގެން، އީޔޫގެ އިސްވެރިންނާއެކު މަޝްވަރާކުރުމަށްފަހު، އަޔަލަންޑުގެ ބޯޑަރުގައި ގާއިމުކުރާ ކަސްޓަމްސް ޕޯސްޓް ދާއިމީ ނުވާނެގޮތަށް، ގާނޫނީ ބާރުލިބޭ ކަރުދާހެއް އެއްބަސްވުމުގެ ތެރޭގައި މިހާރު ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، ގިނަ މެމްބަރުން ވިދާޅުވަނީ އެކަމާއި ގުޅޭގޮތުން އީޔޫ އިން މާބޮޑު ދޫތަކެއް ދީފައިނުވާކަމަށާއި، އިތުރު ގާނޫނީ ބާރުވެރިކަމުގެ ކަރުދާސް އެކަށީގެންނުވާ ކަމަށެވެ.

އޭޕްރީލް 12 އަށް ވުރެ އިތުރަށް ބްރެކްސިޓް ފަސްކުރަނީނަމަ، އަންނަ ޔޫރަޕިއަން ޕާލިމަންޓް އިންތިހާބުގައި އިނގިރޭސިވިލާތުންވެސް ބައިވެރިވާންޖެހޭނެކަމަށް އީޔޫން އިތުރަށް ބުނެފައިވެ އެވެ.