ހަބަރު

ހަކުރުބަލީގެ ގައުމީ ޕްރޮގްރާމެއް ލޯންޗުކޮށްފި

މުޅި ރާއްޖެއަށް އަމާޒު ކޮށްގެން އައިޖީއެމްއެޗާއި ގުޅިގެން ހަކުރު ބަލީގެ މީހުންނަށް ފަރުވާދެވޭނެ ނިޒާމެއް އަތޮޅުތެރޭގައި ގާއިމުކުރުމުގެ ގައުމީ ޕްރޮގްރާމެއް ހެލްތު މިނިސްޓްރީން ލޯންޗުކޮށްފި އެވެ.

ބުރާސްފަތި ދުވަހު ތުލުސްދޫގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވީ، ހަކުރުބަލީގެ ގައުމީ ޕްރޮގްރާމް އަކީ ވަރަށް ގިނަ ދުވަހުގެ ވަރަށް ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއިއެކު ހަކުރުބަލި ރާއްޖެއިން މަދުކުރުމަށް އެކުލަވާލެވުނު ނިޒާމެއް ކަމަށާއި އެ ޕުރޮގުރާމުއަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރެއިން އައި.ޖީ.އެމްއެޗް.އާއި ގުޅިގެން ހަކުރުބަލިން އާއްމުން ރައްކާތެރިކުރުމަށާއި ހަކުރުބަލީގެ ފަރުވާގެ ޚިދުމަތްތައް ރާއްޖޭގައި ތަރައްޤީކޮށް ފުޅާކުރުމަށް އެކުލަވާލެވިފައިވާ ޕުރޮގުރާމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ހަކުރުބައްޔަށް އިސްކަމެއް ދެވުނީ ވަރަށް މުހިއްމު ސަބަބަކާ ހުރެ ކަމަށާއި، 2015 ވަނަ އަހަރު މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީ އާއި ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ގުޅިގެން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ 100 މީހުންގެ ތެރެއިން 8 މީހުންނަކީ ހަކުރުބަލީގެ މީހުން ކަމަށެވެ. އަދި ކޮންމެ 10 މީހުންގެ ތެރެއިން 8 މީހަކީ، ބަރުދަން ހުންނަންޖެހޭ މިނަށްވުރެ ބަރުދަން މަތީގައި ތިބި މީހުން ކަމަށާއި، ހަކުރުބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު 82 އިންސައްތައިގެ މީހުން ވާކަމަށް ވަނީ ހާމަވެފައި ކަމަށެވެ.

ހަކުރު ބައްޔަށް އަމާޒުކޮށްގެން ފެށި ގައުމީ ޕްރޮގްރާމުގެ ތެރެއިން އިސްކަންދޭ އެއްކަމަކީ ހަކުރުބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުން ކަމަށާއި، އެފަދަ ދިގުމުއްދަތަށް ފަރުވާކުރާ ބަލިތަކަކީ، އެމީހާއަކީ އެ ބައްޔަށް ވާރުތަވުމުގެ ފުރުސަތު އޮތް މީހެއްކަމުގައި ވިޔަސް، އެބަލިން ރައްކާތެރިވުމުގެ ފުރުސަތު އޮތް މީހެއް ކަމަށެވެ. ނުވަތަ ބަލި ނުޖެހި ގިނަ ދުވަހު ދެމިހުރުމަށް މަސައްކަތް ކުރެވިދާނެ މީހެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ހަށިގަނޑުގައި ހަކުރު ކޮންޓްރޯލް ކުރުމަށް ބޭނުންވާ އިންސިއުލިން އޭ ކިޔާ މާއްދާ، އެންމެ ފުރަތަމަ ނަގައިގެން ފަރުވާ ހޯދުމުގެ މަސައްކަތް ފެއްޓީ 1921 ވަނަ އަހަރު ކަމަށާއި، އެހެން ނަމަވެސް، އޭގެ 1 ގަރުނުފަހުން ވެސް، ހަކުރުބަލި މަދުކުރުމަށް އެންމެ ބޭނުންތެރި އެއްކަމަކީ އެބަލިން ރައްކާތެރިވުން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެ ޕްރޮގްރާމުގެ ތެރެއިން ދެވަނަ ކަމަކަށް އިސްކަންދެނީ ހަކުރުބަލީގެ ފަރުވާގެ ނިޒާމު ވަރުގަދަކޮށް ފުޅާކުރުމަށް ކަމަށާއި، އަން-ސްޓޮޕް ސެންޓަރ ތައް ގާއިމުކުރުމާއި، ހަކުރުބަލީގެ މީހުންނަށް ވަކި ހަމަތަކެއްގެ މަތިން ފަރުވާ ދެވޭނެ ގައިޑްލައިންތައް ތައްޔާރުކުރެވި އޭގެ ތަމްރީންތައް މުޅިރާއްޖޭގެ ސިއްހީ ކިދުމަތްދޭތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިވިގެންދާނެ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ކަމާ ގުޅުންހުރި މުއައްސަސާތަކާއި އެކުގައި ހަކުރުބަލީގެ މީހުންގެ ދަފްތަރާއި، ރިސާރޗް އާއި ބައްޔާ ބެހޭ އިތުރު ދިރާސާތައް ކުރެވިގެންދާނެ ކަމަށާއި، އެބައްޔަށް ފަރުވާ ކުރުމުގެ ގޮތުން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި އިތުރު ޚިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރުމަށް ރޭވިފައިވާ ކަމަށެވެ. އަދި އެ ހިދުމަތް ޒަމާނީ ފެންވަރެއްގައި ދިނުމަށްޓަކައި އޮންލައިން ޑައިބިޓީސް ކްލިނިކް އެއް ގާއިމުކުރެވި، މާލޭގައި ތިބޭ ހާއްސަ ޑޮކްޓަރުންގެ ލަފާ އަތޮޅު ތެރޭގައި ތިބޭ ޑޮކްތަރުންނަށް ލިބިގެންދާނެ ގޮތް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

އުސޫލެއްގެ ތެރެއިން، މިހާރު ބައެއްކަންކަމަށް ހަކުރުބަލީގެ ފަރުވާއަށް އަމިއްލައަށް ހޭދަކުރަންޖެހޭ މިންވަރު މަދުކުރެވިގެންދާނެ ކަމަށާއި، އަމާޒަކީ، ހަކުރުބަލީގެ މީހުންނަށް ރާއްޖޭގައި ދުޅަހެޔޮ ދިރިއުޅުމެއްގެ ތެރެއިން ފުރުސަތުތަށް އިތުރުކޮށް، ވަޒީފާގެ މައިދާނުގައި އެއްވެސް ތަފާތުކަމެއްނެތި ފުރުސަތުތަކަށް މަގު ފަހިކޮށްދިނުން ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ.