އެފްއޭއެމް

އެފްއޭއެމްގެ މައްސަލަ ކޮންގްރެސްގައި އެޖެންޑާ ކުރަންއެދެފި

މި އަންނަ ހޯމަ ދުވަހު ބާއްވާ އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި، އެ އެސޯސިއޭޝަންގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމުގެ މައްސަލަ، އެޖެންޑާ ކޮށްދިނުމަށް އެދި، ވިކްޓަރީ ސްޕޯޓްސް ކުލަބުން، އެފްއޭއެމްއަށް ހުށަހަޅައިފި އެވެ.

ވިކްޓަރީގެ ޖެނަރަލް ސެކެޓްރީ އާއިޝަތު ތައުމީނާ ވިދާޅުވީ، ވިކްޓަރީން އެޖެންޑާ ކުރުމަށް އެދި ހުށަހަޅާ މައްސަލަ މެއިލް މެދުވެރިކޮށް އެފްއޭއެމްއަށް ފޮނުވާފައިވާނެ ކަމަށާއި، މާދަމާ އޮފީސް ހުޅުވުމުން ސިޓީގެ ޕްރިންޓް ކޮޕީ އެފްއޭއެމްގެ އިދާރާއަށް ފޮނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފީފާ އާއި އޭއެފްްސީއަށްވެސް މެއިލްގެ ކޮޕީ ފޮނުވާފައިވާނެ ކަމަށެވެ.

އެފްއޭއޭއެމްގެ އަސާސީ ގަވާއިދުގެ 28 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ކޮންގްރެސްގައި ކަމެއް އެޖެންޑާ ކުރުމަށް ހުށަހެޅޭނީ، ކޮންގްރެސް ބޭއްވުމުގެ 30 ދުވަސް ކުރިން ކަމަށެވެ. އެހެންނަމަވެސް، ވިކްޓަރީން ހުށަހެޅި ސިޓީގައި ބުނެފައި ވަނީ، ކޮންގްރެސް ބާއްވާ ތާރީހާއި ތަން 45 ދުވަހުގެ ކުރިން އަންގަން ޖެހޭނެ ކަމަށް އެފްއޭއެމްގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ބުނެފައި ވީނަމަވެސް، އެފްއޭއެމުން އެކަން އަންގާފައި ވަނީ، މި މަހުގެ 14 ވަނަ ދުވަހުގައި ކަމަށެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު، ވިކްޓަރީން ވަނީ ހަތް ކަމަކަށް ރިއާޔަތް ކުރުމަށް ފަހު، އެފްއޭއެމްގެ ލިޑާޝިޕްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް ހުށަހަޅާފަ އެވެ. އެފްއޭއެމުން އޭރު ބުނެފައި ވަނީ، އެ އެސޯސިއޭޝަންގެ އޯޑިނަރީ ކޮންގްރެސް އޮތުމުން، އޯޑިނަރީ ކޮންގްރެސްގައިވެސް މެންބަރު ކުލަބުތަކުން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު އޮންނާތީ، ވިކްޓަރީން އެެދުނުގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައި ދެވެން ނެތް ކަމަށް ބުނެފަ އެވެ.

ވިކްޓަރީން ބުނީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދިފައި ވަނީ، އެފްއޭއެމްގެ އާންމު ކޮންގްރެސްގައި އެކަން އެޖެންޑާ ކޮށްދޭނެ ކަމުގެ ޔަގީންކަން އޭރު ނެތުމުން ކަމަށެވެ. އޭއެއެފްސީ އާއި ފީފާގެ ވަފުދެއް މިމަހު 11 ވަނަ ދުވަހު މާލެއަށް ވަޑައިގެންނެވި އެވެ. ޖެހިގެން އައި 12 ވަނަ ދުވަހު ފީފާ އާއި އޭއެފްސީގެ ވަފުދުން ވަނީ، އެފްއޭއެމް އާއި ތިން ޑިވިޝަންގެ ކުލަބުތަކާއި، ވިކްޓަރީން ހުށަހެޅި ގަރާރުން ސޮއި އަނބުރާ ގެންދިޔަ ބައެއް ކުލަބުތަކާ ވެސް ބައްދަލު ކޮށްފަ އެވެ.

ވިކްޓަރީގެ ސިޓީގައި ބުނެފައި ވަނީ، ވިކްޓަރީން ހުށަހަޅާފައިވާ މައްސަލަތައް އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި އެޖެންޑާ ކުރުމުގެ ފުރުސަތު އެފްއޭއެމުން ދޭނެ ކަމުގެ ޔަގީންކަން ފީފާގެ މެންބަރު އެސޯސިއޭޝަން ސާވިސްގެ ސީނިއާ މެނޭޖަރު، އެލެކްސެންޑްރޭ ގްރޯ ދެއްވާފައިވާ ކަމަށެވެ. އެފްއޭއެމްގެ އިތުބާރުު ނެތް ކަމަށް ވިކްޓަރީން ހުށަހަޅަނީ، ހަތް ކަމަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

އެފްއޭއެމްގެ އިތުބާރު ނެތް ކަމަށް ވިކްޓަރީ ހުށަހަޅި ސަބަބުތައް

  • އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް އެކްސްކޯއިން މެންބަރުން ވަކި ކުރުމާއި އާ މެންބަރުން އައްޔަން ކުރުން
  • އެގްޒެކެޓިވް ކޮމިޓީތަކުގެ ބައްދަލުވުންތައް ގަވައިދާ އެއްގޮތަށް ކުރިއަށް ނުގެންދިއުން
  • އަސާސީ ގަވާއިދުގައި އުފައްދަންޖެހޭ ކަމަށް ބުނެފައިވާ ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދާފައި ނުވުން
  • ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފުވެރި މުބާރާތްތައް ނުބޭއްވުން
  • މި އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކުލަބުތަކަށް ފުރުސަތު ގެއްލުން
  • އެގްޒެކެޓިވް ކޮމިޓީ އާއި މެންބަރު ކުލަބުތަކުގެ މާބޮޑު މަޝްވަރާއެއް ހޯދުމެއް ނެތި، ފުޓްބޯޅައާ ގުޅުންހުރި ނިންމުންތައް ނިންމާފައި ވުން
  • އެފްއޭއެމްގެ ގައި ސިޔާސީ އޮފީހެއް ހެދުމުގެ ހުއްދަދީ، ސިޔާސީ ހަރަކާތްތައް އެފްއޭއެމް ގައި ހިންގުން

އެފްއޭއެމްގެ ކޮންގްރެސްގައި އެޖެންޑާ ކުރުމަށް، ވިކްޓަރީން ހުށަހަޅާފައިވަނީ، މިދިޔަ މަހުގެ 10 ވަނަ ދުވަހު، އެފްއޭއެމްއަށް ހުށަހަޅާފައިވާ ކަންތައްތަކެވެ. އޭރު ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައި ދިނުމަށް ހުށަހަޅާފައިވާ ނުކުތާ ފިޔަވައި، މައިގަނޑު އެހެން ނުކުތާތައް ވިކްޓަރީން ވަނީ ހުށަހަޅާފަ އެވެ.

މިދިޔަ މަހު، އެފްއޭއެމުން ބުނެފައި ވަނީ، ވިކްޓަރީގެ ގަރާރުގައި، ސޮއި ކޮށްފައިވާ ކުލަބު ތަކުގެ ތެރެއިން، ޝަރުތު ހަމަވަނީ 12 ކުލަބެއް ކަމަށާއި، އެ 12 ކުލަބުގެ ތެރެއިން ހަތަރު ކުލަބަކުން ސޮއި އަނބުރާ ގެންދިޔަ ކަމަށެވެ. އެހެންނަމަވެސް ވިކްޓަރީން ބުނީ ހަތަރު ކުލަބަކުން ސޮއި އަނބުރާ ގެންދިޔަ ކަމަށް އެފްއޭއެމުން ބުނި ނަމަވެސް، އެފްއޭއެމުން ފޮނުވި ލިސްޓްގައި ހިމެނެނީ ތިން ކުލަބު ކަމަށެވެ. ހަތަރު ވަނަ ކުލަބަކީ ކޮބައިކަމެއް ފީފާ އާއި އެފްއޭއެމުންވެސް ވިކްޓަރީއަށް ހާމަކޮށް ދީފައި ނުވާ ކަމަށެވެ.

ކޮންގްރެސްގައި އެޖެންޑާ ކޮށްދިނުމަށް ވިކްޓަރީން ހުށަހަޅާފައިވަނީ:

  • އެފްއޭއެމްގެ ރައީސް ހިމެނޭ ގޮތަށް އެކްސްކޯގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުން
  • އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހް ކުރުމަށާއި، އިންތިހާބު ބޭއްވުމަށް ނޯމައިޒޭޝަން ކޮމިޓީއަކަށް ގެންދިއުމަށް ވޯޓަށް އެހުން
  • ތިން މެންބަރުންގެ ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލުމަށް ވޯޓެއް ނެގުން