ކަރަންޓްގެ އަގު ހެޔޮ ކުރުމަށް މަޝްވަރާތައް މިދިޔަ ހަފްތާގައި ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކަރަންޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން އެކަމަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ ފައިސާވެސް ވަނީ މިއަހަރުގެ ބަޖެޓްގައި ހިމަނާފަ އެވެ.
ށ. ކޮމަންޑޫ އަށް މިއަދު ކުރެއްވި ކެމްޕެއިން ދަތުރުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގެ ކަރަންޓް އަގުބޮޑުވެގެން ރިޔާސީ އިންތިހާބުގެ ކުރިން ވަރަށް ގިނައިން ޝަކުވާތައް ލިބުނު ކަމަށެވެ. އަދި ކަރަންޓް ފޯރުކޮށްދޭ ފަރާތްތަކާއި މަޝްވަރާ ކުރެވިގެން ކަރަންޓްގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ވޭތުވެދިޔަ ފަހްތާގެ ތެރޭގައި ސްޓެލްކޯ އާއި ފެނަކައާ އެކީގައި ރައީސް އަޮފީހުން، އަޅުގަނޑުމެން ވަނީ އެކަމާ ގުޅޭ ގޮތުން ބައްދަލުވުމެއް ބާއްވާފަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސްޓެލްކޯ އާއި ފެނަކައިން ކަރަންޓް އަގުހެޔޮ ކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް އެބައްދަލުވުމުގައި ހިއްސާ ކޮށްފައިވާ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އެކަމާ ގުޅޭ ދެވަނަ ބައްދަލުވުމެއް ވަރަށް އަވަހަށް ބޭއްވި ތިބޭފުޅުން ތިބޭނުންވާ ގޮތަށް ކަރަންޓްގެ އަގަށް އިރާދަ ކުރެއްވިއްޔާ ބަދަލުތަކެއް ދާދި އަވަހަށް ގެނެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ޑީސަލް ތެލުން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ރައްޔިތުން މަޖިލީހުން ފާސްކުރި ގާނޫނު ރައީސް ވަނީ ތަސްދީގުވެސް ކުރައްވާފަ އެވެ.