ހަބަރު

ޕާކިސްތާނާ އެކުވެސް ރާއްޖެއިން ގުޅުން ބަދަހިކުރާނެ: ނައިބު ރައީސް

Mar 23, 2019

އެކި ދާއިރާތަކުން ޕާކިސްތާނާ އެކުވެސް މި ސަރުކާރުން ގުޅުން ބަދަހި ކުރާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

ހަތްދިހަ ނުވަވަނަ، "ޕާކިސްތާން ޑޭ" ފާހަގަ ކުރުމަށް މިރޭ އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖެއާއި ޕާކިސްތާނުން ގުޅިގެން، ދެ ގައުމަށް ފައިދާ ކުރަނިވި ހުރިހާ ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ކުރިއަށް އޮތްތާނގައިވެސް، ދެކުނު އޭޝިޔާ އަދި އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި، އަމާންކަމާއި، ހަމަޖެހުން ކަށަވަރުކޮށް އިތުރު ފާގަތިކަން ހޯދުމަށް ދެ ގައުމުން އެކުގައި މަސައްކަތް ކުރާނެކަން ޔަގީން ކުރަން،" ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.

ޕާކިސްތާން ޑޭ ފާހަގަކުރަނީ، 23 މާޗް 1940 ގައި ފާސްކުރި "ލާހޯރު ރެޒޮލިއުޝަން" ޤަރާރާއި ގުޅިގެން، 23 މާޗް 1956 ގައި ޕާކިސްތާނުގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީއެއް ފާސްކޮށް އަމަލުކުރަން ފެށުމުގެ މުނާސަބަތުގަ އެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ އިތުރުކުރުމަށާއި، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ރަސްމީ ގޮތުން ގާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަ ކުރައްވައި، ނައިބު ރައީސް ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދުވަސްވީ ގުޅުމުގެ ސިއްރަކީ ދެގައުމުގެ އެއްގޮތް ސަގާފަތާއި، އިސްލާމްދީނާއި، އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމެވެ.

"ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޕާކިސްތާނު ވަނީ މުހިންމު ދައުރެއް އަދާކޮށްފައި. އެކަމަށްޓަކައި އަޅުގަނޑު ޕާކިސްތާނަށް ޝުކުރު ދަންނަވަން،" ނައިބު ރައީސް ވިދާޅުވި އެވެ.