ވިޔަފާރި

ރަސްދޫ ވިއު ގެސްޓްހައުސް އިން ޕްލާސްޓިކް ފުޅި ހުއްޓާލައިފި

Mar 24, 2019

ރަސްދޫ ވިއު އިން ގެސްޓްހައުސް އިން އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފި އެވެ.

ރަސްދޫ ވިއުގެ ޖެނެރަލް މެނޭޖަރު ހުސެއިން ޝިމާއު ވިދާޅުވީ އެ ގެސްޓްހައުސް އިން ޕްލާސްޓިކް ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ހުއްޓާލީ ތިމާވެށި ހިމާޔަތް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

"މި ރަށު [ރަސްދޫ] ގެ ކުނިގޮނޑަށް ބަލައިލީމަ އެނގޭ ކުނި އިތުރުވާވަރު. އެހެންވެ ބޭނުންވަނީ ކުދި އިތުރުވުން މަދު ކުރަން. މިގޮތަށް ގެސްޓްހައުސްތަކުން ޕްލާސްޓިކް ފުޅި ހުއްޓާލުމުން ވެސް ވަރަށް ބޮޑުތަން މަދުވެގެންދާނެ. އެހެންވެ ތިމާވެށި ހިމާޔަތް ކުރަން އެޅި ފިޔަވަޅެއްގެ ގޮތުން ހުއްޓާލީ،" ރަސްދޫގައި ޕްލާސްޓިކް ފުޅި ހުއްޓާލި ފުރަތަމަ ގެސްޓްހައުސްގެ މެނޭޖަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅީގައި ގެސްޓުންނަށް ފެން ދޭން ފެށުމުން ހަރަދު ވެސް ކުޑަވެގެން ގޮސްފައިވާ ކަމަށެވެ.

"ކުރިން ގެންނަން ޖެހޭ މަހަކު 50 ކޭސް ކުދި ފުޅި އެކަމަށް [ ކޭހެއް 60ރ. ގެ ރޭޓުން ބަލާނަމަ 3000ރ.] ހޭދަވޭ. މިހާރު މި ހަރަދު ބޮޑުތަނުން ކުޑަ ވެއްޖެ،" ޝިމާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގެސްޓުންނަށް ފެން ދޭން ބިއްލޫރި ފުޅި ހޯދުމަށް އިންވެސްޓްކޮށްފައިވަނީ 1500ރ. ކަމަށާ، ގެސްޓްހައުސްގައި މިހާރު ބޯފެން ދެނީ ބޮޑެތި ފެން ކޭސް ގެނެސް ބިއްލޫރި ފުޅިއަށް ރިފިލް ކޮށްގެން ކަމަށެވެ. އަދި މިކަމަށް މަހަކު 10 ކޭސް [ކޭހެއް 52ރގެ ރޭޓުން ބަލާނަމަ 520ރ.] ވަރު ހޭދަވާ ކަމަށް ޝިމާއު ވިދާޅުވި އެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓާލުމަށް ރާއްޖޭން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ގިނަ ވުޒާރާތަކުން ވަނީ ޕްލާސްޓިކް ފުޅި ހުއްޓާލާފަ އެވެ.