އިމްރާން އަބްދުﷲ

ބޭނުމީ ގައިދީންއަށް އަދަބު ނުދީ އިސްލާހުކުރަން: އިމްރާން

އެކިއެކި ކުށްތަށް ކޮށްގެން ޖަލަށް ގެންދެވޭ ގައިދީންނަށް އަދަބު ދިނުމުގެ ބަދަލުގައި މަސައްކަތް ކުރަން ބޭނުންވަނީ އެފަދަ ފަރާތްތަށް އިސްލާހުކޮށް، ޖަލުން ނުކުންނައިރު މުޖްތަމައުއަށް ފައިދާ ކުރަނިވި ބަޔަކަށް ހެދުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޫރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމް މާފުށި ޖަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވި، ގައިދީން އިސްލާހު ކުރުމުގެ މަސައްކަތް ކުރެވޭނީ އެފަދަ ކަންތަށް ކުރުމުގެ އިލްމާއި ގާބިލް ހުނަރު ލިބިގެންވާ ބަޔަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މުޅި ސިސްޓަމް ބިނާ ކުރަން ބޭނުންވަނީ ހަގީގަތުގައިވެސް އަދަބު ދިނުމުގެ ބަދަލުގައި އިސްލާހުކުރުމަށް މަގުފުހިކޮށްދިނުމަށް" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ޖަލަށް މީހުން ލަނީ އެމީހުނަށް ކުރެވޭ ކުށެއްގެ ނަތިއްޖާއެއްގެ ގޮތުން ކަމަށަވެ. އެހެންކަމުން ޖިނައީ އަދުލުގެ ނިޒާމު ބައްޓަންވެގެންދާޏް ޖެހެނީ، ކުށްކުރެވޭ މީހުނަށް ފަސޭހަކަމާއެކު ޖަލުތެރެއިން މުޖްތަމައަށް ފައިދާ ކުރަނިވި ބަޔަކަށްވެގެން ނުކުމެވޭފަދަ ގޮތަކަށް ކަމަށެވެ. އަދި ގައިދީން އިސްލާހުކުރުމަށް މިހާރު ޖަލު އޮފިސަރުން ދެއްވާ އެއްބާރުލުމަށްވުރެ ބޮޑު އެއްބާރުލުމެއް ކުރިއަށް އޮތް ދުވަސްތަކުގައި ގައިދީން އިސްލާހުކުރުމަށް ބޭނުންވާނެ ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

"ޖިނާއީ އަދުލުގެ ނިޒާމު ބައްޓަންވެގެންދާ ގޮތަށް އަޅުގަނޑުމެން ބަލާއިރު އަލުގަނޑުމެން އެދެނީ އެނިޒާމު ބައްޓަންވެގެންދާނީ އަޅުގަނޑުމެންގެ ތެރެއިން ކުށްކުރެވޭ މީހުނަށް ފަސޭހަކަމާއެކު މުޖްތަމައަށް ފައިދާހުރި ބަޔަކަށް ވެގެން ގެނެވޭނެ ގޮތަކަށް ބައްޓަން ވުމަށް" އިމްރާން ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވި އެޖަލްސާގައި އިމްރާން ވިދާޅުވީ، ގައިދީން އިސްލާހުކުރުމުގެ އެންމެ މުހިންމު މަސައްކަތަކީ އިލްމު އުގަނައްދިނުން ކަމަށްވުމުން، އޫރިދޫ ޑިޖިޓަލް ކެމްޕަސް ކްލާހުން އެކަން ދުރުގައި ތިބެގެންވެސް މިހާރު ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.