ވިޔަފާރި

ޕާމް ބީޗް ރިސޯޓް ނުވިކިގެން އަނެއްކާ ވެސް އިއުލާންކޮށްފި

Mar 25, 2019
1

ޅ. މަދިރިގުރައިދޫގައި ހިންގަމުން އަންނަ ހަތަރު ތަރީގެ ޕާމް ބީޗް ރިސޯޓް ނީލަމުގައި ވިއްކާލުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައި އިން މީގެ ކުރިން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ހުށަހެޅުންތަކެއް ނުލިބިގެން އަނެއްކާ ވެސް އެ ރިސޯޓް ވިއްކާލުމަށް އިއުލާންކޮށްފި އެވެ.

އިބްރާހިމް އަލިމަނިކުގެ ނަމުގައިވާ ޕާމް ބީޗް ރިސޯޓް، އެސްބީއައިއިން ނީލަމުގައި ވިއްކާލަނީ މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ރިސޯޓް ރަހުނުކޮށް އެ ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން އެވެ. އެ ރިސޯޓް ނީލަމުގައި ވިއްކާލައިގެން ލޯނަށް ނުދައްކާ ހުރި ފައިސާ ހޯދުމަށް ސިވިލް ކޯޓުން، މިދިޔަ އަހަރުގެ ޖުލައި 22 ވަނަ ދުވަހު ހުކުމްކޮށްފައިވެ އެވެ.

އެ ހުކުމާ ގުޅިގެން މިދިޔަ ޖެނުއަރީ 14 ވަނަ ދުވަހު ވެސް އެ ރިސޯޓް ވިއްކާލަން އިއުލާންކުރި އެވެ. އެހެން ނަމަވެސް އޭރު ރަނގަޅު ހުށަހެޅުމެއް ނުލިބުނެވެ.

އެ ރިސޯޓް ވިއްކާލުމަށް ބޭންކުން އަނެއްކާ ވެސް އިއްޔެ ކުރި އިއުލާނުގައި ބުނީ އެ ރިސޯޓް ވިއްކާލުމުގެ ނީލަން ފެށޭ އަގަކީ، 26 މިލިއަން ޑޮލަރު، 400.9 މިލިއަން ރުފިޔާ ކަމަށެވެ. ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، ބީލަން ހުށަހަޅާ އިރު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10،000 ޑޮލަރު އެސްބީއައިއަށް ދައްކަން ޖެހެ އެވެ.

އެ ނީލަމުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު ނިމޭނީ އަންނަ އެޕްރީލް 2 ވަނަ ދުވަހު އެވެ. ނީލަމުގެ އަގު ހުށަހަޅަން ޖެހެނީ، އެސްބީއައިން ދީފައިވާ ހާއްސަ ފޯމެޓެއްގައި އެ ބޭންކްގެ އަށް ވަނަ ފަންގިފިލާއަށެވެ. އަދި، އެ ރިސޯޓް ގަންނަން ހުށަހަޅާ އަގުތައް ނީލަމުގައި ބައިވެރިވާ އެންމެންގެ ކުރިމަތީގައި އާންމުކޮށް އިއުލާން ކޮށް ޕަބްލިކް ކުރާނެ އެވެ. އަދި އެ އަގުތަކަށް ވުރެ ބޮޑު އަގެއް ހުށަހަޅަން ބޭނުން ވާނަމަ، ބަންދު ނޫން ތިން ދުވަސް ލިބޭނެ އެވެ. އަދި އެ މުއްދަތު ނިމޭއިރު އޮންނަ އެންމެ މަތީ އަގަކަށް ރިސޯޓް ވިއްކާލާނެ އެވެ.

އެސްބީއައިގެ އިއުލާނުގައި ބުނީ ނީލަމުގެ އެންމެ މަތީ އަގު ކަމުގައި ބަލާނީ، ނީލަން ފެށޭ އަގަށް ވުރެ 500،000 ޑޮލަރަށް ވުރެ ބޮޑު އަގެއް ހުށަހަޅާފައިވާ ނަމަ އެވެ. އަދި ނީލަން ކާމިޔާބު ކުރާ ފަރާތުން، ރަސްމީ ދެ ދުވަހުގެ ތެރޭގައި ޖުމްލަ އަގުގެ އެއް މިލިއަން ޑޮލަރު އެސްބީއައިއަށް ދައްކަން ޖެހެ އެވެ. އަދި ބާކީ އޮންނަ ފައިސާ ބަންދު ނޫން 10 ދުވަހުގެ ތެރޭގައި އެއްކޮށް ދައްކާ ހަލާސްކުރަން ޖެހެ އެވެ. އަދި އެ ފައިސާ ނުދެއްކިއްޖެ، ނަމަ އެ ފަރާތުން ދެއްކި އެއް މިލިއަން ޑޮލަރުގެ ތެރެއިން 100،000 ޑޮލަރު ބޭންކަށް ނެގޭނެ އެވެ.

ނީލަން ކާމިޔާބު ކުރި ފަރާތަށް ފައިސާ ނުދެއްކިއްޖެ ނަމަ، ދެން އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަށް އެ ރިސޯޓް ވިއްކާލުމުގެ މަސައްކަތް އެސްބީއައިއިން ކުރާނެ އެވެ. އެ ރިސޯޓް ވިއްކާލުމުގެ އެންމެހާ ކަންތައްތައް ކުރުމަށް އެ ބޭންކުން ވަނީ، ފަސް އޮފިސަރުންގެ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

ލޯނަށް ފައިސާ ނުދައްކައިގެން މީގެ ކުރިން ސިވިލް ކޯޓްގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުވެގެން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ނައީމް (މޮނާޒާ ނައީމް) ހާޒިރުކުރަން ކޯޓުން ދެ ފަހަރެއްގެ މަތިން، މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފުލުހުންގެ މައްޗަށް އަމުރު ވެސް ކުރި އެވެ.