ހަބަރު

މަޖިލީހުގެ ބާރު ނުލިބިއްޖެ ނަމަ ކޯޓުތައް ސިޔާސީ ވާނެ: ނަޝީދު

Mar 25, 2019
18

ބަޣާވާތް ކުރަން ފަރިތަ ބޭފުޅުން އުޅުއްވާ ކަމަށާއި އެ ބޭފުޅުންނަށް އެކަން ކުރުމުގެ ފުރުސަތު ދީގެން ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލ. އިސްދޫއަށް ކުރިމަތިލައްވާ އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ނުލިބުމުން ދަތިވާނީ ރައްޔިތުންނަށް ވައުދުތައް ފުއްދުމަށް އެކަންޏެއް ނޫން ކަމަށާއި ސަރުކާރު ވެސް ބަލިކަށިވެގެން ދާ ކަމަށެވެ. އެއީ މަޖިލީހުގެ އަގުލަބިއްޔަތު ނެތް ނަމަ މިނިވަން މުއައްސަަސާތަކުން ސަރުކާރަށް ކުރާ އިތުބާރު ކުޑަ ވެގެންދާ ކަމަށާއި އެއާއެކު ފަނޑިޔާރު ގެތަކުން ސަރުކާރާ މެދު ދެކޭ ގޮތް ބަދަލުވެ އެތަންތަނުން އިއްވާ ހުކުމްތަކުގައި ސިޔާސީ ކުލަވަރު ޖެހޭ ކަމަށް ރައީސް ނަަޝީދު ވިދާޅުވި އެވެ.

"މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމުން ފަނޑިޔާރު ގެތަކުން ސަރުކާރާ ދޭތެރޭ ދެކޭ ގޮތް ބަދަލުވަނީ، ބަދަލުވެގެން ދިޔައިމަ ފަނޑިޔާރު ގެތަކުން އިއްވާ ހުކުމްތައް އެއީ ސިޔާސީ ކުލަވަރު ޖެހި އޮންނަ ހުކުމްތަކަކަށް ބަދަލުވެގެން ދަނީ. މުސްތަގިއްލު މުއައްސަސާތަކާއި ފަނޑިޔާރު ގެތަކުގެ އިތުބާރު ސަރުކާރަށް ނުލިބުނީމަ އިސާހިތަކު ފުލުހުންނާއި ސިފައިންގެ އިތުބާރު ސަރުކާރަށް ގެއްލި ދޭ، މަޖިލީހުގެ އަގުލަބިއްޔަތަކީ ތިބޭފުޅުންގެ އަގުލަބިއްޔަތު. އެ ނެތުނީމަ ފަނޑިޔާރު ގެތަކާއި ސަލާމަތީ ބާރުތަކުގެ އިތުބާރު ސަރުކާރަށް ގެއްލިދޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތަށް ފަރިތަ ބޭފުޅުން މި ގައުމުގައި އުޅުއްވާ ކަމަށާއި އެހެންކަމުން ރިޝްވަތުގެ ހުތުރު ފައިސާއާއެކު ސަރުކާރު ހިފަހައްޓަން ދަތިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެ މަންޒަރު ކުރިން ވެސް ތަޖުރިބާކޮށްފައިވާ ކަމަށާއި ނަމަވެސް ދެ ފަހަރަށް އެކަން ވިޔަ ދީގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ތި ބޭފުޅުން އެއްގޮތަކަށް ވެސް ނޭދޭ މަޖިލީހުގެ މެންބަރުން ވޯޓު ވިއްކާކަށް، ތިޔަ ބޭފުޅުން އެއްގޮތަކަށް ވެސް ނޭދެ މެންބަރުން ޕާޓީ ބަދަލު ކުރާކަށް. ތިޔަ ބޭފުޅުން ބޭނުމެއް ނޫން މެންބަރުން ސިއްރުވެރިވާކަށް. ތިޔަ ބޭފުޅުން ބޭނުން ވަނީ ނަޒާހަތްތެރި މަޖިލީހެއް،" ރައީސް ނަަޝީދު ވިދާޅުވި އެވެ.