ދުނިޔެ

މުސާރަ ހަދިޔާކުރާ ޓީޗަރަކަށް މިލިއަން ޑޮލަރުގެ އިނާމެއް

ފަގީރުންނަށް އެހީތެރި ވުމަށްޓަކައި ލިބޭ މުސާރައިގެ 80 ފަސެންޓު ހަދިޔާ ކުރަމުން ދިޔަ ކެންޔާގެ މުދައްރިސަކަށް އެއް މިލިއަން ޑޮލަރުގެ އަގު ހުރި އިނާމެއް ލިބިއްޖެ އެވެ.

ޕީޓާ ޓަބީޗީ (ފޮޓޯގައި) އަށް ވަނީ ވާކީ ފައުންޑޭޝަންގެ ގްލޯބަލް ޓީޗާ ޕްރައިޒް ލިބިފަ އެވެ. މި އިނާމު ޓަބީޗީއަށް ހަވާލުކޮށް އިނާމް ހަފްލާ ހުށަހަޅާ ދިނީ މަޝްހޫރު އެކްޓަރު ހިއު ޖެކްމަން އެވެ

ޓަބީޗީ ކިޔަވައިދެމުން ގެންދަނީ ކެންޔާގެ ޕުވާނީ ވިލެޖުގެ ކުޑަކުޑަ މަދަރުސާއެއްގަ އެވެ. އޭނާ ކިޔަވައި ދެނީ އިންޓަނެޓް ކަނެކްޝަން ދެރަ ކޮމްޕިއުޓަރާއެކު ކޮންމެ ޓީޗަރަކަށް 58 ދަރިވަރުން ތިބޭ ކުލާސްތަކެއްގަ އެވެ. އޭނާ ކިޔަވާދޭ ހުރިހާ ދަރިވަރުންނަކީ ފަގީރު، ޔަތީމު ނުވަތަ މިސްކީންވެފައިވާ ކުދިން ނެވެ. އޭނާ ކިޔަވައި ދީގެން ލިބޭ މުސާރައިގެ 80 ޕަސެންޓް ހަދިޔާ ކުރަނީ ފަގީރުންނަށް އެހީވާށެވެ.

ވާކީ ފައުންޑޭޝަންގެ ޓަބީޗީގެ ޕްރޮފައިލްގައި ބުނެފައިވާ ގޮތުން އޭނަ އިންޓަނެޓް ކެފޭތަކަށް ގޮސް ކިޔަވާދޭ މާއްދާތައް ހޯދައިގެން އޮފްލައިންގައި ކުދިންނަށް ކިޔަވައި ދެއެވެ.

ޓަބީޗީ ގެންދަނީ ސްކޫލުގެ ސައިންސް ކުލަބު ހިންގާ ސަރަހައްދީ އަދި ބައިނަލް އަގުވާމީ މުބާރާތްތަކުގައި އެ ކްލަބު ބައިވެރި ކުރަމުން ނެވެ. މެތަމެޓިކަލް ސައިންސް ކްލަބް ވަނީ މިއަހަރު އެރިޒޯނާގައި ބާއްވާ އިންޓަނޭޝަނަލް ސައިންސް އެންޑް އިންޖިނިއަރިންގް ފެއާ (އިންޓެލް) ގައި ބައިވެރިވުމަށް ކޮލިފައި ވެސް ވެފަ އެވެ. އަދި އޭނާގެ ދަރިވަރުން ވަނީ އެ ސަރަހައްދުގެ ގަސްތައް ބޭނުން ކޮށްގެން ކަަރަންޓު އުފައްދައިގެން ރޯޔަލް ސޮސައިޓި އޮފް ކެމިސްޓްރީއިން ހުށަހަޅާ އިނާމެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

"ކޮންމެ ދުވަހަކު އެފްރިކާގައި އާ ބާބެއް ފެށިގެންދޭ. މިއަދަކީ ވެސް އޭގެ ތެރެއިން ދުވަހެއް. މި އިނާމު ބަލައިގަންނަނީ އަހަރެންނެއް ނޫން އެކަމަކު މި ބައްރުގެ ހުރިހާ ޒުވާނުން"، ފައުންޑޭޝަންގައި ވާހަކަ ދައްކަމުން ޕީޓާ ބުނެފައި ވެއެވެ.

ޓަބީޗީގެ ދަރިވަރުންނަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ކާނާ ނުލިބުމާއި، ޑްރަގަށް ދެވިހިފުމާއި، ޅަ އުމުރުގައި ކައިވެނި ކުރުމާއި ފުރާވަރުގެ އުމުރުގައި މާބަނޑުވުން ފަދަ ކަންތައްތައް ހިމެނެ އެވެ.

ޓަބީޗީ ކިޔަވައިދެމުން ގެންދާ ކެރީކޯ މިކްސްޑް ޑޭ ސެކަންޑްރީ ސްކޫލަށް ކުދިން ވަންނަ އަދަދު ވަނީ އިތުރުވެފަ އެވެ. އަދި އެ ސްކޫލުގައި ކިޔަވާ ގިނަ ކުދިން ކޮލެޖަށް ދާނެ ކަމުގެ ޔަގީންކަން އޮންނާތީ އެވެ.

"އަހަރެމެން ޖެހެނީ ވާހަކަ މަދުކޮށްފަ އަމަލު ގިނަ ކުރަން"، ޓަބީޗީ ބުނެފައި ވެއެވެ.