ވިޔަފާރި

މޯލްޑިވިއަން ހޮލިޑޭސް: ދިވެހިންގެ ޗުއްޓީ އަށް ތައްޔާރު

Mar 29, 2019

ޗުއްޓީ އަށް ދާއިރު ޓިކެޓް ގަނެގެން ހަމައެކަނި ނުފުދެ އެވެ. ޓިކެޓާއެކު އަގު ހެޔޮކޮށް އެހެނިގެން އަގުތައް ވެސް ހުންނަން ޖެހެ އެވެ. ހުރުން އަގު ހެޔޮވާން ޖެހެ އެވެ. އަދި މަޖާ ކުރުމާއި ސައިޓް ސީންއަށް ދާން ވެސް ހެޔޮ އަގު ލިބެން ޖެހެ އެވެ. ސުވާލަކީ މި އަގުގައި ޕެކޭޖުތައް ލިބޭނީ ކޮން ތަނަކުންނެވެ. މިހާރު އެންމެ ގިނައިން މިފަދަ ޗުއްޓީ ޕެކޭޖް ނެރޭ އެއް ފަރާތަކީ މޯލްޑިވިއަން ހޮލިޑޭސް އެވެ. މުޅި އަހަރު ދުވަހު ވެސް ދަތުރުކޮށްލެވޭ ގޮތަށް ވިއްކާ މި ހާއްސަ ޕެކޭޖުތަކުގެ އަގު ވެސް ހެވޭ ބުނެވިދާނެ އެވެ.

"މިހާރު އަޅުގަނޑުމެންގެ ޕެކޭޖުތައް މުޅި އަހަރު ދުވަހު ލިބެން ހުންނާނެ. މި ޕެކޭޖު ތަކަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ބަދަލު ގެނެވޭނެ ޕެކޭޖު ތަކެއް،" މޯލްޑިވިއަން ހޮލިޑޭސްގެ ޖެނެރަލް މެނޭޖަރު މުނާ މުނީރު ވިދާޅުވި އެވެ.

ގައުމީ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ދަށުގައި އޮތް މޯލްޑިވިއަން ހޮލިޑޭސް އިން ދުނިޔޭގެ ގިނަ އެއާލައިން ތަކެއްގެ ޓިކެޓް ވިއްކަ އެވެ. އެ ތަނުން ޓިކެޓު ވިއްކާ ބައެއް އެއާލައިންތަކުގެ ތެރޭގައި ގަތަރާއި އިއްތިހާދު އަދި އެމިރޭޓްސް އާއި އިންޑިގޯ އާއި ސްރީލަންކަން އާއި އިންޑިއަން އެއާލައިންސް ފަދަ އެއާލައިންތައް ހިމެނެ އެވެ.

ދުނިޔެ ބަލާލަން ދާން ހާއްސަ!

މޯލްޑިވިއަން ހޮލިޑޭސް އިން ވަނީ ގިނަ އެއާލައިންތަކާ ގުޅިގެން ހާއްސަ ޕެކޭޖުތަކެއް ނެރެފެ އެވެ. މިހާރު ނެރެފައިވާ ޕެކެޖުތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޕެކޭޖަކީ އިންޑިއާގެ ހިމާޗަލް އާއި ރާޖަސްތާން އަދި ކަޝްމީރަށް ދެވޭ ހާއްސަ ޕެކޭޖެކެވެ. މި ޕެކޭޖުތަކުގައި ހުރުމާއި ދަތުރު ކުރުމުގެ އަގު ވެސް ހިމަނާފައިވެ އެވެ. މީގެ އިތުރުން ޔޫރަޕުގެ ބައެއް ގައުމުތަކަށް ދެވޭ ޕެކޭޖުތައް ވެސް އެބަހުއްޓެވެ.

މުނާ ވިދާޅުވީ ޕެކޭޖް ވިއްކަނީ ހަމައެކަނި ރާއްޖެއިން ބޭރަށް ނޫން ކަމަށާ، ރާއްޖޭގެ އެކި ހިސާބުތަކަށް ހާއްސަ ޕެކޭޖުތައް ވެސް ލިބެން ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ދަތުރު ކުރޭ. އެހެންވެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ދެވޭ ގޮތަށް ހާއްސަ އަގުތަކެއް ވެސް ހުންނާނެ. ކަސްޓަމަރުން ބޭނުންވެއްޖެނަމަ މި އަގު ހަމަޖައްސައިދޭނެ،" މުނާ ވިދާޅުވި އެވެ.

އީދަށް ހިނގާ ގެސްޓްހައުސްއަށް

މޯލްޑިވިއަން ހޮލިޑޭސް އިން ދަނީ ކުރިއަށް އޮތް އީދު ބަންދު ދުވަސްތަކާ ދިމާކޮށް ގެސްޓްހައުސްއަށް ހާއްސަ އަގުތަކެއްގައި ޕެކޭޖު ވިއްކަން ތައްޔާރުވަމުންނެވެ. މި ޕެކޭޖުތައް ހާއްސަވާނީ ރަށްރަށް ގޮސް ރަށްފުށު ދިރިއުޅުން ތަޖުރިބާ ކޮށްލަން ބޭނުންވާ މީހުންނަށެވެ.

މުނާ ވިދާޅުވީ މި ޕެކޭޖުތައް މިހާރު ފައިނަލް ވެފައިވާ ކަމަށާ ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށެވެ.

"މާލެ ކައިރި ގެސްޓްހައުސްތަކާއި ރިސޯޓުތަކަށް ވެސް ޑިމާންޑް އާދެ. އެހެންވެ ގެސްޓްހައުސްތަކަށް ހާއްސަ ޕެކޭޖުތަކެއް ނެރެން މި ވިސްނަނީ؛ އެކަމަށް މިދަނީ މަސައްކަތް ކުރަމުން. ވަރަށް އަވަހަށް އާއްމު ކުރާނެ."