ހަބަރު

އަޅުގަނޑުގެ މޭޒުގައި ބަޣާވާތްކުރުމާއި ދީނާ ދެކޮޅަށް ފިއްތާނެ ބަޓަނެއް ނީންނާނެ: ހަސަން

Mar 26, 2019

މަޖިލީހަށް ހޮވިއްޖެ ނަމަ، ވެރިކަމާ ދެކޮޅަށް ބަޣާވާތްކުރުމާއި އިސްލާމް ދީނާ ދެކޮޅު އެއްވެސް ކަމަކަށް ވޯޓް ނުދެއްވާނެ ކަމަށް މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް، ހަސަން ވިދާޅުވެއްޖެ އެވެ.

ޓީވީއެމްއިން ގެނެސްދޭ މަޖިލިސް ބަހުސް 2019ގެ މެދުހެންވޭރު ބަހުސްގައި ވާހަކަ ދައްކަވަމުން، ހަސަން ވިދާޅުވީ، އެމްދީޕީގެ އެޖެންޑާ 19ގެ ފުރަގަހުގައި އަޑިނޭނގޭ އަމިއްލަ އެޖެންޑާއެއް އެބަ އޮތް ކަމަށެވެ. ހަސަން ވިދާޅުވީ، މިދިޔަ 10 އަހަރުގެ ތެރޭގައި މެދުހެންވޭރަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ހަސަން ޔަގީންކަން ދެއްވީ އޭނާ އަކީ މެދު ހެންވޭރުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުއްލަވާނެ ބޭފުޅެއް ކަމަށެވެ. މެދުހެންވޭރުގެ ރައްޔިތުންގެ މީހެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ މެދު ހެންވޭރު ދާއިރާގެ ލޮބުވެތި ރައްޔިތުން މި ފުރުސަތުގެ ބޭނުން ކުރުމަށް. އަޅުގަނޑު އެދެނީ މެދު ހެންވޭރު ދާއިރާގެ ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރުމަށް. އަޅުގަނޑުގެ މޭޒަކު ނީންނާނެ ބަޣާވާތަކަށް ފިއްތާނެ ބަޓަނެއް. އަޅުގަނޑުގެ މޭޒަކު ނީންނާނެ އިސްލާމް ދީނާ ދެކޮޅަށް ފިއްތާނެ ބަޓަނެއް. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށާއި މެދުހެންވޭރުގެ ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވަނީ އަޅުގަނޑު ހަސަން ސިޔާމް، ކެންޑިޑޭޓް ނަމްބަރު 1 މިއީ މެދު
ހެންވޭރުގެ އާ އުންމީދޭ،" ހަސަން ވިދާޅުވި އެވެ.

ޖުޑީޝަރީ އިސްލާހު ކުރަން ޖެހޭތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ހަސަން ވިދާޅުވީ، ޖުޑީޝަރީވެސް އިސްލާހު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެބަޔަކާ އެއްކޮޅަށް ހުކުމެއް އައުމުން ޖުޑީޝަރީ ރަނގަޅުވެ ދެކޮޅަށް ހުކުމެއް އައުމުން ޖުޑީޝަރީ ނުބައިވާ އުސޫލު ދޫކޮށްލަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު އުފައްދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަމްސީލް ކުރަން މި އުޅެނީ ރައްޔިތުން މަޖިލީހުގައި. ރައްޔިތުން މަޖިލީހުގައި ރައްޔިތުންގެ މަންދޫބު ދައްކާ ވާހަކަ ޓީވީތަކުން ލައިވް އެބަ ކުރޭ. އަޅުގަނޑުމެން އެބަ ޖެހޭ ރައްޔިތުންނަށް އިތުބާރު އުފައްދައިދޭން އަޅުގަނޑުމެންގެ މިނިވަން މުއައްސަސާތަކުގައި. މިއީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ. އަޅުގަނޑުމެން އެތާންގެ ތެރޭގައި ހަޅުތާލު ހަދައި ވާހަކަ ދައްކާ ދުންމާރިން ފުމެ މިހެން ހަނދާކަށް ނުޖެހޭ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެދު ހެންވޭރުގެ ރައްޔިތުންނަކީ ފައިސާއަށް ހެއްލޭނެ ބައެއް ނޫން ކަމަށާއި ރިޝްވަތުގެ ފައިސާގައި މެދު ހެންވޭރުގެ ރައްޔިތަކު ނުޖެހޭނެ ކަމަށެވެ. އެއަށް ވުރެ މިދިޔަ 10 އަހަރު ކަންތައް ވީ ގޮތުން ދާއިރާގެ ރައްޔިތުން މާޔޫސްވެފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. އެ މީހުން ތިބީ ބަދަލެއްގެ އިންތިޒާރުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ގޭގެއަށް ޒިޔާރަތްކުރި ކުރުމުން ފެނިގެން ދިޔައީ އެންމެން ބަދަލަކަށް ބޭނުންވެފައި އޮތް މަންޒަރު. ކެމްޕޭނަކަށް އަޅުގަނޑުމެން ނުޖެހޭ ނާޖާއިޒު ގޮތުގައި ފައިސާ ބަހާކަށް. މެދު ހެންވޭރުގެ ރައްޔިތުން ބޭނުންވަނީ މިހާރު 10 އަހަރުވީ އަމިއްލަ އެޖެންޑާ ނިއްމާލަން. މެދުހެންވޭރުގެ ރައްޔިތުން ބޭނުމެއް ނުވޭ ފައިސާގައި ހިފައި ވޯޓް ވިއްކާކަށް. މެދު ހެންވޭރުގެ ރައްޔިތުން ތިބީ އަޅުގަނޑާ އެކު މި ބަދަލުގައި ބައިވެރިވާން. މި ބަދަލު ގެންނަން ތައްޔާރަށް،" ހަސަން ވިދާޅުވި އެވެ.

ހަސަންގެ އިތުރުން، މެދު ހެންވޭރަށް އިތުރު ތިން ކެންޑިޑޭޓަކު ވާދަކުރައްވާ އިރު، ހަސަން އަކީ ސިންގަޕޫރުގެ ރެފުލްސް އެކަޑަމީއިން ޓޫރިޒަމް އެންޑް ހޮޓަލް މެނޭޖަމަންޓުން ހަޔާ ޑިޕްލޮމާ ހާސިލްކުރައްވައި، ލަންޑަންގެ ނޮޓިންހަމް ޔުނިވަސިޓީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ބެޗްލާ ޑިގްރީއެއް ހާސިލް ކުރެއްވުމަށް ފަހު ވިޔަފާރީގައި ވެސް ކާމިޔާބު ނަމެކެވެ.

މީގެ އިތުރުން މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ އަމިއްލަ ކެނޑިޑޭޓް އަބްދުﷲ ރަޝީދު ވަނީ ހަސަންއަށް ތާއީދު ކުރަން ނިންމެވިކަން މިއަދުގެ ބަހުސްގައި ހާމަކުރައްވައި އެކަން އިއުލާން ކުރައްވައިފަ އެވެ.