ދުނިޔެ

ބްރެކްސިޓް އެޖެންޑާގެ ކޮންޓްރޯލް މޭ އަށް ގެއްލިއްޖެ

Mar 26, 2019

ލަންޑަން (މާޗް 26) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމުގެ އެއްބަސްވުމަށް ގޮތެއް ނުނިމި ދިގުލައިގެން ދިޔުމާއި ގުޅިގެން، އެކަމާއި ގުޅޭ އެޖެންޑާގެ ކޮންޓްރޯލް ސަރުކާރުގެ އަތުން އަތުލައިފި އެވެ.

ބޮޑު ވަޒީރު ތެރޭސާ މޭ އިސްވެ ހުށަހަޅުއްވާފައިވާ އެއްބަސްވުމަށް ޔޫކޭ ޕާލިމަންޓުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، މުސްތަގުބަލުގައި އެ އެއްބަސްވުމާއި ގުޅޭގޮތުން ޕާލިމަންޓު މެމްބަރުންގެ މެދުގައި އެންމެ ތާއީދު އޮތް ނިންމުމެއް ހޯދަން ސިލްސިލާ ވޯޓުތަކެއް ނެގުމަށް އިއްޔެ ހުށަހެޅުނު އިސްލާހުވަނީ ފާސްވެފަ އެވެ. އެ އިސްލާހު ފާސްވީ 329 މެމްބަރުންގެ ތާއީދާއެކު އެވެ. އޭގެ ތެރޭގައި މޭގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން މެމްބަރަކު ވެސް ހިމެނެ އެވެ. އެ ވޯޓަށްފަހު އެ ތިން މެމްބަރުން ވަނީ ކެބިނެޓުން އިސްތިއުފާ ދެއްވައިފަ އެވެ.

ސަރުކާރުގެ ތެރޭގައި މޭގެ އެއްވެސް ބާރެއްނެތް ކަން އަނެއްކާވެސް ހާމަވެގެން ގޮސްފައިވާއިރު، އެ އިސްލާހަށް އަމަލުނުކުރައްވަފާނެކަމުގެ އިޝާރާތެއް މޭ ވަނީ ދެއްވައިފަ އެވެ. އަދި އެ ވޯޓުގެ ކުރިން، ސަރުކާރުގެ ފަރާތުން ހުށަހެޅޭ ކަންތައްތަކެއްގެ މައްޗަށް މެމްބަރުންގެ ހިޔާލު ހޯދުމަށް މޭ އިސްވެ މަސައްކަތް ކުރެއްވި އެވެ.

ނަމަވެސް، އިދިކޮޅުން ބުނަނީ، އީޔޫން ވަކިވުމާއި ގުޅޭގޮތުން މެމްބަރުން ބޭނުންވާ ހުރިހާ ގޮތްތަކެއް ހިމަނައިގެން ސަރުކާރުގެ ހުށަހެޅުމެއް ދޭނެކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. މޭގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއްބަސްވުމާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އިދިކޮޅުން ހުށަހަޅާފައިވާ ހުށަހެޅުމެވެ. އެ ވޯޓު ކަރުދާހުގައި، އީޔޫން ވަކިނުވުމުގެ ފުރުސަތު ހިމަނަންޖެހުމަކީ މޭގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ފާސްކުރި އިސްލާހުގެ ދަށުން، އީޔޫން ވަކިވުމުގައި އިނގިރޭސިވިލާތުން އަމަލުކުރަންޖެހޭ ގިނަ ކަންތައްތަކުގެ މައްޗަށް މެމްބަރުންގެ މެދުގައި ވޯޓަށް އެހޭނެ އެވެ. އޭގެ ބޭނުމަކީ، ގިނަ މެމްބަރުން ތާއީދުކުރާ ކަމެއް ދެނެގަތުމަށްކަމަށް އެ އިސްލާހު ހުށަހެޅި އިދިކޮޅު ޕާޓީންވަނީ ބުނެފަ އެވެ.

ނަމަވެސް، މޭ ވިދާޅުވަނީ، ގިނަ ކަންތައްތަކަކަށް ވޯޓަށްއެހޭއިރު، މެޖޯރިޓީ ލިބޭ އެއް ކަމެއް ދެނެގަތުމުގެ ފުރުސަތު ހަނިކަމަށެވެ.

"އަދި މެމްބަރުންގެ ތާއީދު ލިބޭ ކަމަކީ، އީޔޫން ޔަގީނުންވެސް އެއްބަސްނުވާނެކަމަށް ވުމަކީ އެކަށިގެންވާކަމެއް،" ވޯޓުގެ ކުރިން މޭ ވިދާޅުވި އެވެ.

އީޔޫން ވަކިވުމަށް މޭ ހުށަހެއްޅުއްވި އެއްބަސްވުމަށް ދެވަނަ ފަހަރަށް ނޫނެކޭ ބުނުމަށްފަހު، މާޗް 29 ގައި އީޔޫން ވަކިވާއިރު، އެއްވެސް އެއްބަސްވުމެއްނެތި ވަކި ނުވުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ގަރާރު އިނގިރޭސި ޕާލިމަންޓުން ވަނީ ފާސްވެފަ އެވެ.

ނަމަވެސް، އީޔޫގެ ތާއީދާއެކު މޭ ހުށަހެޅުއްވި އެއްބަސްވުން އަންނަ ހަފުތާގެ ތެރޭގައި ފާސް ކޮށްފިނަމަ، ވަކިވާންޖެހޭ ތާރީހު މެއި 22 އާހަމައަށް އިތުރު ކޮށްދޭނެ ކަމަށް އީޔޫން ވަނީ ބުނެފަ އެވެ. އެއްބަސްވުން އަނެއްކާ ވެސް ފާސް ނުކޮށްފިނަމަ، އެ ތާރީހް އިތުރު ކޮށް ދެވޭނީ އޭޕްރީލް 12 ގެ ނިޔަލަށް ކަމަށް ބުނެފައިވެ އެވެ.

ތިން ވަނަ ފަހަރަށް ވޯޓަކަށް ދިޔުމަށް މޭ ގެންގުޅުއްވި ވިސްނުންފުޅު، ޕާލިމަންޓުގެ ރައީސް ވަނީ ހުއްޓުވައިފަ އެވެ. ތިން ވަނަ ފަހަރަކަށް ވޯޓަށް އެހޭނީ އެ އެއްބަސްވުން ބަދަލުކޮށްގެން ކަމަށް ޕާލިމަންޓުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

އެ ކަންބޮޑުވުންތަކާއި ގުޅިގެން، އީޔޫގެ އިސްވެރިންނާއެކު މަޝްވަރާކުރުމަށްފަހު، އަޔަލަންޑުގެ ބޯޑަރުގައި ގާއިމުކުރާ ކަސްޓަމްސް ޕޯސްޓް ދާއިމީ ނުވާނެގޮތަށް، ގާނޫނީ ބާރުލިބޭ ކަރުދާހެއް އެއްބަސްވުމުގެ ތެރޭގައި މިހާރު ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، ގިނަ މެމްބަރުން ވިދާޅުވަނީ އެކަމާއި ގުޅޭގޮތުން އީޔޫ އިން މާބޮޑު ދޫތަކެއް ދީފައިނުވާކަމަށާއި، އިތުރު ގާނޫނީ ބާރުވެރިކަމުގެ ކަރުދާސް އެކަށީގެންނުވާ ކަމަށެވެ.

އޭޕްރީލް 12 އަށް ވުރެ އިތުރަށް ބްރެކްސިޓް ފަސްކުރަނީނަމަ، އަންނަ ޔޫރަޕިއަން ޕާލިމަންޓް އިންތިހާބުގައި އިނގިރޭސިވިލާތުންވެސް ބައިވެރިވާންޖެހޭނެކަމަށް އީޔޫން އިތުރަށް ބުނެފައިވެ އެވެ.