ދުނިޔެ

އިންޑިއާގެ ދިފާއީ ގާބިލުކަން ދުނިޔެއިން ބޭރަށް

Mar 27, 2019
1

ނިއު ދިއްލީ (މާޗް 27) - އިންޑިއާއިން ކުރި މިސައިލް ޓެސްޓެއްގައި ދުނިޔޭއިން ބޭރުން ދަތުރުކުރާ ސެޓެލައިޓެއް ވައްޓާލައި، ދުނިޔޭގެ މަދު ގައުމުތަކެއް ހިމެނޭ "ޖައްވުގެ ސުޕާ ލީގުން" ޖާގަ ހޯދިއްޖެކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

އެ ކާމިޔާބީ އިއުލާނުކުރައްވަމުން މޯދީ ވިދާޅުވީ އިންޑިއާ އަކީ އެމެރިކާ، ރަޝިއާ އަދި ޗައިނާއަށްފަހު އެފަދަ އެންޓައި ސެޓެލައިޓް މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބުނު ހަތަރު ވަނަ ގައުމު ކަމަށެވެ.

"މިއީ އިންޑިއާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އަހަރެމެން އެންމެން ފަހުރުވެރިވާންޖެހޭ ކަމެއް. ހަމައެކަނި އެއްގަމާއި، ކަނޑާއި، ވައިގެ މަގުން އެކަންޏެއް ނޫން. މިހާރު ޖައްވުގައި ވެސް މިގައުމު ދިފާއުކުރުމުގެ ގާބިލުކަން ލިބިގެން މިދިޔައީ،" މޯދީ ވިދާޅުވި އެވެ.

މިސައިލް ފޮނުވާލައިގެން ވައްޓާލާފައިވަނީ ދުނިޔޭއިން 300 ކިލޯމީޓަރު ދުރުގައި އޮތް ސެޓެލައިޓެއްކަމަށް އިންޑިއާ އިން ބުނެފައިވެ އެވެ.

މޯދީއަށް ތާއީދުކުރާ ފަރާތްތަކުން ސަރުކާރަށް މަރުހަބާ ކިޔަމުން ދިޔަނަމަވެސް، އާންމު އިންތިހާބާއި ދިމާކޮށް އެކަން އިއުލާނުކުރުމަކީ ސިޔާސީ އުކުޅެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު، އިންޑިއާ އިން ފުރަތަމަ ފަހަރަށް ޖައްވަށް މީހުން ފޮނުވުމަށް 1.4 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެއް ފެށި އެވެ. އެ ޕްރޮޖެކްޓުގެ ފުރަތަމަ ޓެސްޓު ރޮކެޓް އަންނަ އަހަރުގެ ޑިސެމްބަރު މަހު ފޮނުވާލަން ވަނީ ތާވަލުކޮށްފަ އެވެ.