ހަބަރު

ވިހެއުމުން ހަ މަހުގެ ޗުއްޓީ ދޭން އެމްޑަބްލިއުއެސްސީއިން ނިންމައިފި

Mar 27, 2019
4

އެމްޑަބްލިޔުއެސްސީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ދެމުންގެންދާ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކޮށްދީފިއެވެ. ފިރިހެން މުވައްޒަފުންނަށް އަނބިމީހާ ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީވެސް ވަނީ އެއްމަސް ދުވަހަށް އިތުރު ކޮށްފައެވެ.

މިގޮތަށް ހަމަޖައްސާފައިވާކަން އިއުލާނު ކުރެއްވީ މިއަދު ހަވީރު އެމްޑަބްލިޔުއެސްސީގައި ބޭއްވި ދިޔަ ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މި ސަރުކާރުން 100 ދުވަސް ތެރޭގައި ކުރުމަށް ނިންމާފައިވާ، ވިހެއުމުން އަންހެނުންނަށާއި ފިރިހެނުންނަށް ލިބިގެންދާ ޗުއްޓީ އިތުރުކުރުމަކީ އުފަލާއެކު އެމްޑަބްލިޔުއެސްސީއިން ބަލައިގަންނަ ކަމެއް ކަމަށެވެ.

އާޒިމް ފަހާގަކުރެއްވި ގޮތުގައި، މިހާރުވެސް ކުންފުނިން 2017 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން ގެންދާ މާބަނޑު އަދި ޅަދަރިމައި މުވައްޒަފުންނަށް ލުއިފަސޭހަ ގޮތް ހޯދައިދޭ ޕޮލިސީއަށް، މެޓާރނިޓީ އާއި ޕެޓާރނިޓީ ލީވް ދުވަސްތަކަށް އައި ހެޔޮ ބަދަލާއެކު ޕޮލިސީ އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީއިން ވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް އަމާޒުކޮށްގެން، މާބަނޑު އަންހެނުންނާއި ޅަދަރިމައިންނަށް ލުއިގޮތަކަށް މަސައްކަތްކުރެވޭނެ ޕޮލިސީއެއް ތައާރަފްކޮށްފައިވެއެވެ. މި މިޕޮލިސީގެ މައިގަނޑު މަގުސަދަކީ، މާބަނޑު މުވައްޒަފުންނާއި ޅަދަރިމައިންނަށް މަސައްކަތުގެ މާހައުލުގައި ދިމަވާ ދަތިތަކަށް ލުޔެއް ލިބޭނެ އުސޫލުތަކެއް މަގުފަހިކޮށްދިނުމުގެ އިތުރުން މާބަނޑު މުވައްޒަފުންނާއި ޅަދަރިމައިންނަށް ލުއިފަސޭހަ މަސައްކަތުގެ މާހައުލެއް ގާއިމް ކުރުމެވެ. މިޕޮލިސީގެ ތެރެއިން، ކުންފުނީގެ އަންހެން މުވައްޒަފުންނަށް، ދެކަމެއް ވަނީ މަގުފަހިވެފައެވެ.

އޭގެ ތެރޭގައި މާބަނޑު ދުވަސްވަރު، ތަފާތު އުނދަގޫތަކާ ކުރިމަތިލާ މުވައްޒަފުންގެ މަސައްކަތުގެ ގަޑިއަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ އިތުރުން މުސާރަ ލިބޭގޮތަށް، ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު މަގުފަހިވެ އެވެ. ޅަދަރި މައިންނަށް، ދަރިފުޅަށް އެއް އަހަރު ދުވަސް ވަންދެން، މަސައްކަތުގެ ގަޑިއަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ އިތުރުން މުސާރަ ލިބޭގޮތަށް، ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު މަގުފަހިވެ އެވެ.

މެޓާރނިޓީ ލީވްއަށް ހަ މަސް ދުވަސް ޗުއްޓީ ނެގޭ ގޮތަށް ގެނައި ބަދަލާއެކު، އެމްޑަބްލިޔުއެސްސީއިން 2017 ވަނަ އަހަރު މާބަނޑު އަންހެނުންނާއި ޅަދަރިމައިންނަށް އަމާޒުކޮށްގެން ތަޢާރަފުކޮށްފައިވާ ޕޮލިސީގެ ދަށުން ވިހެއުމަށްފަހު ހަ މަސް ފަހުން، ދަރިފުޅަށް އެއް އަހަރު ފުރެންދެން، އޮފީހަށް ނުނިކުމެ ގޭގައި ހުރެގެންވެސް މަސައްކަތް ކުރެވޭނެއެވެ. އަދި ހަ މަސްފަހުން އޮފީހަށް އަނބުރާ އަންނަން ބޭނުންވާ މުވައްޒަފުންނަށް، ދަރިފުޅަށް އެއް އަހަރު ވަންދެން، ހަތަރު ގަޑިއިރުގެ ބްރޭކާއެކު، ލުއިފަސޭހަ ގޮތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ އެ ކުންފުނިން ގަބޫލު ކުރާގޮތުގައި މިފަދަ ޕޮލިސީތަކަކީ، ވަޒީފަގައި ދެމިތިބުމުގައި އަންހެން އަދި ފިރިހެން މުވައްޒަފުންގެ މެދުގައިވާ ފަރަގު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ، ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލުއިފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމް ކޮށްދިނުން ކަމަށެވެ. އަދި ޅަދަރިމައިންނަށް ވަޒީފާއިން ވަކި ނުވެ މަސައްކަތް ކުރުމަށް މަގުފަހިވެ ވަޒީފާގެ ކުރިއެރުން ލިބުމަށް މިޕޮލިސީތަކުން މަގުފަހިވެގެންދާނެ ކަމަށެވެ.