ވިޔަފާރި

އެސްއެމްއީ ބޭންކުން ލޯނު އެޕްލިކޭޝަންތައް ބަލައިގަންނަން ފަށައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް މާލީ އެހީތެރިކަން ދޭން ހުޅުވި، އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އަށް ލޯނު އެޕްލިކޭޝަންތައް ބަލައިގަންނަން ފަށައިފި އެވެ.

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވީ މި ފަހުތާ އިން ފެށިގެން ލޯނުގެ އެޕްލިކޭޝަންތައް ލިބެން ފަށާފައިވާ ކަމަށެވެ. އޭނާ ވަނީ ކުރިއަށް އޮތްތަނުގައި އެސްއެމްއީ ބޭންކުން އާ ލޯނު ޕްރޮޑަކްޓްތަކެއް ވެސް ދޫކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

"އެންމެ ގިނަ އިން ލިބެމުން އަންނަނީ ގެސްޓްހައުސްތަކަށް ދޫކުރާ [ރަށު ފަތުރު] ލޯނަށް އެޕްލިކޭޝަން،" ޒީނާދު ވިދާޅުވި އެވެ.

އެސްޑީއެފްސީ ފެށުމާއެކު ފުރަތަމަ ތައާރަފުކޮށްފައިވަނީ "ހަރުމުދާ" އާއި "ދަނޑުވެރި ނަފާ" އަދި " ވިޔަފާރި އެހީ" ގެ އިތުރުން "ރަށު ފަތުރު" ގެ ނަމުގައި ހަތަރު ޕްރޮޑަކްޓެވެ. މި ލޯނުތައް ދެނީ އެކަމަށް ހާއްސަ ޕްރޮޕޯސަލް ހުށަހެޅުމުންނެވެ. އެކަމަށް ހާއްސަ މައުލޫމާތު އެސްޑީއެފްސީގެ ވެބްސައިޓް އިން ލިބެން ހުރެ އެވެ.

މި ބޭންކް އުފައްފާދައިވަނީ ދިވެހި ސަރުކާރުގެ 85 ޕަސެންޓް ހިއްސާ އާއި ކައުންސިލްތަކުގެ 15 ޕަސެންޓް ހިއްސާ އޮވެގެންނެވެ. ލޯނުތަކުގައި އަމިއްލަ އަތުން ހަރަދު ކުރަން ޖެހޭ އަދަދު "އިކުއިޓީ ރިކުއައިމަންޓް" އުޅެނީ 15 ޕަސެންޓާއި 20 ޕަސެންޓުގަ އެވެ. އަދި ލޯނުތަކުގެ އިންޓްރެސްޓް އުޅެނީ 6 ޕަސެންޓާއި 9.5 ޕަސެންޓާ ދެމެދުގަ އެވެ. އަދި މި ލޯނުތަކަށް ގެފަދަ ތަންތަން ރަހުނު ކުރެވެ އެވެ. އަދި މި ލޯނު ދެނީ 75،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. މީގެ އިތުރުން މިއަދު ވަނީ އާ ޕްރޮޑަކްޓެއްގެ ތައާރަފުކޮށްފަ އެވެ. އެ ބޭންކުން ވަނީ "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި ލޯނެއް ތައާރަފުކޮށްފަ އެވެ. ކަނޑުފަޅުގެ ނަފާ ލޯނުގައި ދޫކުރަނީ ޖުމްލަ 3,084,000.00 ރ. އެވެ.