ވިޔަފާރި

އެމްއެމްއޭ އިން ޒުވާން ވިޔަފާރިވެރިންގެ ފޯރަމެއް ބާއްވައިފި

Mar 28, 2019
2

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސް ނަގައިންގެން ބާއްވާ "ގްލޯބަލް މަނީ ވީކް" ގެ ތެރޭގައި، ޒުވާން ވިޔަފާރިވެރިންނަށް ހާއްސަ ފޯރަމެއް ބާއްވައިފި އެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން "ޔޫތް އެންޓަޕްރެނާސް ފޯރަމް" ގެ ނަޖަމުގައި ބޭއްވި މި ފޯރަމްގައި 50 ފަރާތަކުން ބައިވެރިވި އެވެ.

މި ފޯރަމްގައި ވަނީ އަމިއްލަ ވިޔަފާރިއެއް ފަށައިގެން މަސައްކަތްކުރާ ފަރާތްތަކުން އެ ފަރާތްތަކުން ވިޔަފާރިއެއް ފެށުމަށް ކުރި މަސައްކަތާއި ކާމިޔާބު ވިޔާފާރިއެއް ކުރުމަށް ކުރި ދަތުރުގައި ދިމާވި ގޮންޖެހުންތަކުގެ މައުލޫމާތު ވަނީ ފޯރަމްގެ ބައިވެރިންނާއި ހިއްސާކޮށްފަ އެވެ.

މި ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ އިޖާދީ އަދި އުފެންދުންތެރި ވިސްނުންތަކުގެ ތެރެއިން އަމިއްލަ ވިޔަފާރިތައް ފެށުމަށް ޒުވާނުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ކަމަށެވެ. އަދި ޓެކްނޮލަޖީގެ ދާއިރާ އިން ފާހަގަކުރެވޭ ބޮޑެތި ކުންފުނިތަކުން ކާމިޔާބީ އާއި ހިސާބަށް އައީ ތަފާތު ވިސްނުންތަކުގެތެރެއިން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި އެކެއްގެ ކާމިޔާބީ އަކީ އަނެކާގެ ކާމިޔާބީއަށް ހުރަސްއެޅޭ ކަމެއް ނޫންކަމަށާއި މުޅި މުޖުތަމައު ގުޅިގެން މުޖުތަމައުގެ ލާބައާއި މަންފާ އަށް މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށް ގަވަރުނަރު ނަސީރު ވިދާޅުވި އެވެ.

މާލޭގެ އިތުރުން ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ ގައްދޫގައި އަންނަ ހޮނިހިރު ދުވަހު ޔޫތް ފޯރަމްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. ގްލޯބަލް މަނީވީކް ފާހަގަކުރުމުގެ ގޮތުން އެމްއެމްއޭއިން ވަނީ މުޅި ރާއްޖެ ޝާމިލްވާގޮތުގައި ގިނަ ހަރަކާތްތަކެއް ރާވާފައެވެ.

ގްލޯބަލް މަނީވީކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ އަދި ފައިސާ އާއި ގުޅުންހުރިކަންތައްތަކަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ހާއްސަކުރާ ހަފްތާ އެކެވެ.