ދުނިޔެ

މޭގެ އިސްތިއުފާގެ ވައުދާއެކު އެއްބަސްވުން ފާސްކުރަން އާ ހިތްވަރެއް

Mar 28, 2019

ލަންޑަން (މާޗް 28) - ޔޫރަޕިއަން ޔޫނިއަނުން (އީޔޫ) އިން ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ އިސްވެ ހުށަހަޅުއްވާފައިވާ އެއްބަސްވުމަށް ތާއީދުކޮށްފިނަމަ އެކަމަނާ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވުމުން، އެ އެއްބަސްވުން ފާސްކުރުމުގެ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިއްޖެ އެވެ.

އެއްބަސްވުން ފާސްކުރުމަށްފަހު މަގާމުގައި ނުހުންނަވާނެކަމަށް މޭ ވިދާޅުވުމުން، އެކަމަނާގެ އެއްބަސްވުމަށް ކުރިން ދެކޮޅު ހެދި ބައެއް މެމްބަރުންގެ ހިޔާލު ބަދަލުވި އެވެ. ނަމަވެސް، އަދިވެސް ޕާލިމަންޓުން އެ އެއްބަސްވުން ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަނުވާކަމަށް މަސްރަހު ދިރާސާާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ބްރެކްސިޓް އާ ގުޅޭ އެޖެންޑާގެ ކޮންޓްރޯލް މޭގެ ސަރުކާރު އަތުން ނަގައި، އެ އެއްބަސްވުމަށް މެމްބަރުން އަމިއްލަ ހުށަހެޅި އިސްލާހުތަކަށް ވެސް މެޖޯރިޓީ ލިބޭގޮތެއް ނުވި އެވެ.

އެގޮތުން، އީޔޫއާއެކު ދާއިމީ ކަސްޓަމްސް ޔޫނިއަނެއް ގާއިމުކުރުމުގެ އިތުރުން އެއްބަސްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ހިމަނައިގެން ހުށަހެޅުނު ޖުމްލަ އަށް އިސްލާހު ވެސް ވަނީ ފެއިލްވެފަ އެވެ. ނަމަވެސް، އެ ހުށަހެޅުންތަކަށް މެމްބަރުންނަށް އިއްތިފާގުނުވެވުމަކީ، މިހާރުވެސް ދެ ފަހަރަށް ފެއިލްވެފައިވާ މޭގެ އެއްބަސްވުމަށް ތާއީދުކުރުމަށް އެޅިގެންދާނެ ބާރެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އީޔޫން ވަކިވުމަށް މޭ ހުށަހެއްޅުއްވި އެއްބަސްވުމަށް ދެވަނަ ފަހަރަށް ނޫނެކޭ ބުނުމަށްފަހު، މާޗް 29 ގައި އީޔޫން ވަކިވާއިރު، އެއްވެސް އެއްބަސްވުމެއްނެތި ވަކި ނުވުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ގަރާރު އިނގިރޭސި ޕާލިމަންޓުން ވަނީ ފާސްވެފަ އެވެ.

ނަމަވެސް، އީޔޫގެ ތާއީދާއެކު މޭ ހުށަހެޅުއްވި އެއްބަސްވުން އަންނަ ހަފުތާގެ ތެރޭގައި ފާސް ކޮށްފިނަމަ، ވަކިވާންޖެހޭ ތާރީހު މެއި 22 އާހަމައަށް އިތުރު ކޮށްދޭނެ ކަމަށް އީޔޫން ވަނީ ބުނެފަ އެވެ. އެއްބަސްވުން އަނެއްކާ ވެސް ފާސް ނުކޮށްފިނަމަ، އެ ތާރީހް އިތުރު ކޮށް ދެވޭނީ އޭޕްރީލް 12 ގެ ނިޔަލަށް ކަމަށް ބުނެފައިވެ އެވެ.

އިއްޔެގެ ބަހުސްގައި މޭ ވިދާޅުވީ، ޕާލިމަންޓުން އެކަމަނާ ހުށަހެޅުއްވި އެއްބަސްވުން ފާސްކޮށްދީފިނަމަ، އީޔޫން ވަކިވުމާއި ގުޅޭ އިތުރު މަޝްވަރާތަކަށް މަގާމުގައި ނުހުންނަވާނެ ކަމަށެވެ.

"އީޔޫން ވަކިވުމަށް މިހާރު ކަނޑައަޅާފައިވާ އާ ތާރީހު (މެއި 22) ގެ ފަހުން، ޕާޓީގެ ލީޑަރުގެ މަގާމުން އަޅުގަނޑު އިސްތިއުފާދީ، އާ ލީޑާޝީޕެއްގެ ދަށުން ބްރެކްސިޓްގެ އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ޖާގަ ދޭނަން،" މޭ ވިދާޅުވި އެވެ.

ތިން ވަނަ ފަހަރަށް ވޯޓަކަށް ދިޔުމަށް މޭ ގެންގުޅުއްވި ވިސްނުންފުޅު، ޕާލިމަންޓުގެ ރައީސް ވަނީ ހުއްޓުވައިފަ އެވެ. ތިން ވަނަ ފަހަރަކަށް ވޯޓަށް އެހޭނީ އެ އެއްބަސްވުން ބަދަލުކޮށްގެން ކަމަށް ޕާލިމަންޓުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

އެ ކަންބޮޑުވުންތަކާއި ގުޅިގެން، އީޔޫގެ އިސްވެރިންނާއެކު މަޝްވަރާކުރުމަށްފަހު، އަޔަލަންޑުގެ ބޯޑަރުގައި ގާއިމުކުރާ ކަސްޓަމްސް ޕޯސްޓް ދާއިމީ ނުވާނެގޮތަށް، ގާނޫނީ ބާރުލިބޭ ކަރުދާހެއް އެއްބަސްވުމުގެ ތެރޭގައި މިހާރު ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، ގިނަ މެމްބަރުން ވިދާޅުވަނީ އެކަމާއި ގުޅޭގޮތުން އީޔޫ އިން މާބޮޑު ދޫތަކެއް ދީފައިނުވާކަމަށާއި، އިތުރު ގާނޫނީ ބާރުވެރިކަމުގެ ކަރުދާސް އެކަށީގެންނުވާ ކަމަށެވެ.

އޭޕްރީލް 12 އަށް ވުރެ އިތުރަށް ބްރެކްސިޓް ފަސްކުރަނީނަމަ، އަންނަ ޔޫރަޕިއަން ޕާލިމަންޓް އިންތިހާބުގައި އިނގިރޭސިވިލާތުންވެސް ބައިވެރިވާންޖެހޭނެކަމަށް އީޔޫން އިތުރަށް ބުނެފައިވެ އެވެ.