ކަނޑޫދޫ

ކަނޑޫދޫގައި ޑެންގީ އާއި ޗިކުންގުންޔާ: ސިއްހީ މަރުކަޒު ފުރިއްޖެ

Mar 28, 2019

ތ. އަތޮޅު ކަނޑޫދޫގައި ޑެންގީ ހުމާއި ޗިކަންގުންޔާ ފެތުރެން ފަށައިފި އެވެ.

ގާތްގަނޑަކަށް 700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކަނޑޫދޫގެ ކައުންސިލް މެންބަރު، މުހައްމަދު ނަވާޒް މިއަދު ވިދާޅުވީ އެ ރަށުގައި ޗިކަންގުންޔާ އާއި ޑެންގީ ފެތުރެމުން ދާ ކަމަށެވެ. އެ ދެ ބަލީގައި ރަށުގެ ގިނަ ބަޔަކަށް ރަށުގެ ސިއްހީ މަރުކަޒުން ފަރުވާ ދޭން ވެސް ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކަނޑޫދޫ ސިއްހީ މަރުކަޒުން ޓެސްޓްތައް ނުހެދޭތީ އާއި ފަރުވާއަށް އެކަށީގެންވާ އެހެން ވަސީލަތްތައް ނެތުމުގެ ސަބަބުން ބައެއް މީހުން އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް ވެސް ފޮނުވާލާފައިވާ ކަމަށެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި 10 މީހުން އެ ރަށަށް ފޮނުވި އިރު ކަނޑޫދޫ ސިއްހީ މަރުކަޒު ވެސް ފުރިގެން އެނދު އިތުރު ކުރަން ވެސް ޖެހުނެވެ.

ކަނޑޫދޫ ސިއްހީ މަރުކަޒުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުން ގިނަ މީހުން ވޭމަންޑޫއަށް ފޮނުވި އިރު ގިނަ މީހުން ޕޮޒިޓްވްވެފައި ވަނީ ޗިކަންގުންޔާ އަށެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ކަނޑޫދޫ ސިއްހީ މަރުކަޒުގެ ބަހެއް ނުލިބުނެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ރަށުގެ ގިނަ ކުޑަަ ކުދިންނަށް ޑެންގީ ޖެހެމުންދިޔަ ނަމަވެސް ރަށު ސްކޫލު އަދި ބަންދުކޮށްފައެއް ނުވެއެވެ. އަދި ގިނަ ކުދިން ސްކޫލަށް ވެސް ނުފޮނުވަ އެވެ.

ޗިކަންގުންޔާ އާއި ޑެންގީ ފެތުރޭތީ ކައުންސިލުގެ އިދާރާއިން ރަށަށް ވފޮގް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ދާދި ފަހުން ފ. ފީއަލީގައި ވެސް ވަނީ ވަރަށް ބޮޑަށް ޑެންގީ ހުން ފެތުރިފަ އެވެ.