ދުނިޔެ

ޑާކާގައި ހުރި އުސް އިމާރާތެއްގައި ރޯވެ އަނދަނީ

Mar 28, 2019

ޑާކާ (މާޗް 28) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުރި 19 ބުރީގެ އިމާރާތެއްގައި ރޯވެ އަނދަމުންދާއިރު، އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ފަޔާ ފައިޓަރުންގެ 19 ޔުނިޓެއްގެ އިތުރުން، އެއާ ފޯސްއާ ނޭވީގެ އޮފިސަރުންވެސް އެ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތްތުގައި ހަރަކާތްތެރިވަމުންދާކަމަށް އެ ގައުމުގެ ފަޔާ ޑިޕާޓްމަންޓުގެ އިސް އޮފިޝަލެއް މީޑިއާއަށް މައުލޫމާތުދީފައިވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އަލިފާން ރޯވެފައިވަނީ ޑާކާގެ ބަނާނީ ސަރަހައްދުގައި ހުރި އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގަ އެވެ. ނަމަވެސް، އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއްނުވެ އެވެ.

އެ ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބަޔަކު އިމާރާތުގެ ތެރޭގައި ތާށިވެފައިތިބިކަމަށްވެ އެވެ. ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ފެންޖެހުމާއި، އިމާރާތުގެ ފުރާޅުގައި ތިބި ބަޔަކު ވެސް ސަލާމަތްކޮށްފައިވާކަމަށް އޮފިޝަލަކާއި ހަވާލާދީ ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

އެހެން ރިޕޯޓުތައް ބުނާގޮތުން، އަލިފާންގަނޑުން ސަލާމަތްވުމަށް ބައެއް މީހުން އިމާރާތުން މަގުމައްޗަށް ފުންމާލާފައިވާކަމަށްވެ އެވެ.

މިދިޔަ މަހުވެސް ޑާކާގައި ހުރި އެޕާޓްމަންޓު ބިލްޑިންގްތަކެއްގައި ރޯވެ، 70 އަށް ވުރެ ގިނަ މީހުން މަރުވެ، 50 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.